ގިނައަދަދެއްގެ މަސްތުވާތަކެތި ނައްތައިލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތައިލައިފިއެވެ.
އިއްޔެ ނައްތައިލާފައިވަނީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2018 ވަނަ އަހަރުގެ މައްސަލައަކާއި 2019 ވަނަ އަހަރުގެ ހަ މައްސަލައަކާއި އަދި އިތުރު 68 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެއްޗެވެ.
އެގޮތުން ނައްތައިލާފައިވަނީ މަސްތުވާތަކެތިހުރި 389 ރަބަރު ޕެކެޓާއި، 220 ސެލޯފިންކޮޅާއި، ފިލްމް ހުސްކުރި ދެ ދަޅުގެ އިތުރުން 35 މަނާބޭސް ގުޅައެވެ. މިތަކެތީގެ ޖުމްލަ ބަރުދަނަކީ 35،504.5949 ގްރާމެވެ.
މީގެއިތުރުން 2018 ވަނަ އަހަރުގެ 43 މައްސަލައަކާއި އަދި 2019 ވަނަ އަހަރުގެ 32 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 183 ފުޅި ބަނގުރަލާއި، 69 ބިއަރުދަޅާއި، ތިން ބިއަރު ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 500 އެމްއެލް ގެ 936 ޕެޓް ފުޅިއާއި، ފަސް ލީޓަރުގެ ހަ ފުޅިއާއި އަދި 20 ލީޓަރުގެ 14 ޓައްޕުގައި ހުރި ތަކެތިވަނީ ނައްތައިލާފައެވެ.
މަސްތުވާތަކެތި ނައްތައިލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗިއްސާއިމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ