ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.
މިމައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެވަޑައިގެންފައިވާތީ އެމައްސަލަ ބަލައިދިނުމަށެވެ.
މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ. މިމައްސަލާގައި ޖޭއެސްސީން ވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަސް ބޭފުޅުންގެ ތެރެއިން ފަނޑިޔާރުންގެ ބެންޗަށް އެންމެ ފަހުން އައްޔަންކުރެއްވި ފަނޑިޔާރެވެ. އެގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނުމާ ގުޅިގެން އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އައްޔަންކުރުމުގެ ކުރިން ވެސް އޭނާ އަކީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ފާޑުކިޔުން އަބަދުވެސް އަމާޒުވަމުން ދިޔަ ބޭފުޅެކެވެ. ރައީސް ނަޝީދަށް މީގެކުރިން 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވި ބޭފުޅަކީ ވެސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ