އައިއޯއައިޖީގެ ދިވެހި ޓީމަށް މަރުހަބާ ކިޔުން މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި!

މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުންނަށް މަރުހަބާ ކިއުމަށް މާދަމާ ކުދި ބޮޑު އެންމެން ޖުމްހޫރީ މައިދާނަށް ޖަމާވުމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ދައުވަތު ދެއްވައިފި އެވެ. ބައިނަލް އަގުވާމީ މުބާރާތެއްގައި ހޯދި އެންމެ ބޮޑެތި ކާމިޔާބީތަކާ އެކު ޖުމްލަ 15 މެޑަލް ކަރަށް މަހާލައިގެން ރާއްޖޭގެ ހުނަރުވެރި އެތުލީޓުން މާލެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:00 ގައެވެ. މިފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން 10 ކުޅިވަރެއްގައި ބައިވެރިވެފައިވާ އިރު ބައިވެރިވި ގިނަ ކުޅިވަރުތަކުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އައިއޯއައިޖީގެ ޓީޓީ އިވެންޓުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި ދީމާ އަލީ ހޯދި ކާމިޔާބަށް ދިވެހި ޓީމުން މަރުހަބާ ކިޔަނީ --- ފޮޓޯ// އެމްއޯސީ އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގައުމީ އަންހެން ޓީޓީ ކުޅުންތެރިންނާއި ބެޑްމިންޓަން ޓީމުން މިފަހަރުގެ ގޭމްސްގައި ހޯދި ބޮޑު ކާމިޔާބީ އެވެ. އަންހެން ޓީޓީ ޓީމުން ވަނީ ތިން ރަން މެޑައްޔާއި ދެ ރިހި މެޑަލްގެ އިތުރުން ލޯ މެޑައްޔެއް މިފަހަރުގެ ގޭމްސްގައި ހޯދައިފަ އެވެ. އަދި ބެޑްމިންޓަން ޓީމުން ވެސް ވަނީ ރަން މެޑައްޔަކާ ރިހި މެޑައްޔެއްގެ އިތުރުން ދެ ލޯ މެޑައްޔެއް ހޯދައިފަ އެވެ. އެންމެ ފަހުން 2015 ވަނަ އަހަރު ރީޔޫނިއަންގައި މި ގޭމްސް އޮތް އިރު ރާއްޖެއިން ވަނީ 10 މެޑައްޔަށް އަމާޒު ޖަހައިގެން ގޮސް ނުވަ މެޑަލް ހޯދައިފަ އެވެ. އަދި މިފަހަރުގެ ގޭމްސްއަށް 15 މެޑައްޔަށް އަމާޒު ޖަހައިގެން ގޮސް އެ އަދަދު ވަނީ ހަމަކޮށްފަ އެވެ. ދެން އެންމެ އަވަހަށް 2023 ގައި މި ގޭމްސް ބާއްވަން ހަމަޖެހިފައި ވަނީ ރާއްޖޭގަ އެވެ. އެ ގޭމްސް ބާއްވަން އިއްޔެ މޮރިޝަސްގައި އޮތް ވޯޓުގައި ރާއްޖެ ވަނީ ބިޑު ކާމިޔާބު ކޮށްފަ އެވެ. "ރަން ވަނަތައް ހޯދައިދިން ކުދިންނަށް މަރުހަބާ ކިއުމަށް މާދަމާ 16:00 އަށް ކުދި ބޮޑު އެންމެހާ ރައްޔިތުން ޖުމްހޫރީ މައިދާނަށް ވަޑައިގެންދެއްވުން އެދި ދައުވަތު އަރުވަން." ކުޅިވަރާ ބެހޭ މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. Ranvanathah hoadhaidhin kudhinnah marhaba kiyumah maadhamaa 16:00 ah kudhi bodu enmehaa rayyithun jumhooree maidhaanah vadaigendhevvun edhi dhauvathu aruvan.Fessaa,Rathaa adhi Hudhu kulaigen hedhumehga vadaigendhevvun edhen.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ