ރާޑަރު ސިސްޓަމްތަކެއް ހޯދަން ޑިފެންސް އިން އިއުލާނުކޮށްފި

ރާޑަރ ކޮމްޕްލީޓް ސިސްޓަމްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ރާޑަރު ސިސްޓަމްތައް ސަޕްލައިކޮށްދޭން އެދޭފަރާތްތަކުން އެޕްރީލް 28 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު މެއި 02 ވަނަ ދުވަހުގެ 10:00 އަށް އެ މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދޭ ކަމަށެވެ.
އަދި މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ މިނިސްޓްރީން ރާޑަރުތަކެއް ހޯދަން އިއުލާނުކުރިއިރު، ރާއްޖޭގައި އިންޑިއާ އިން ހަރުކޮށްފައި ހުރި ރާޑަރުތައް މިހާރު މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި، އެއާއި އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ހުރިހާ ކަމެއް މިހާރު ވަގުތުން ވަގުތައް އިންޑިއާ އިން ބަލަން ތައްޔާރު ވެއްޖެ ކަމަށް އިންޑިއާގެ އަސްކަރިއްޔާ އާއި ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ "އިކޮނޮމިކް ޓައިމްސް"ގައި ބުނެފައި ވެއެވެ.
އެ މިނިސްޓްރީން ހޯދަން އިއުލާން ކޮށްފައިވާ ރާޑަރު ސިސްޓަމަކީ އިންޑިއާއިން ދިން ރާޑަރުތަކާއި ގުޅުމެއް ހުރި އެއްޗެކަަމެއް އަދި ނޭގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ