ރާއްޖޭގައި ތިބެނީ އިންޑިއާގެ 50 އެއްހާ ސިފައިންކަމަށްބުނެ އެމްއެންޑީއެފުން ހަދަނީ ބޮޑުދޮގެއް: އުމަރު

އެމްއެންޑީއެފްގެ އޮޕަރޭޝަންތަކަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރު އޮޕަރޭޓްކުރުމަށް ރާއްޖޭގައި ތިބެނީ އެގައުމުގެ 50 އެއްހާ ސިފައިންކަމަށް ބުނެ އެމްއެންޑީއެފުން ހަދާފައިވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިގެ ނިއުސްޓޯކު ޕްރޮގްރާމް ގައި މިރޭ ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، އިންޑީއާ އިން ރާއްޖޭގައި އޮތް ދެ ހެލްކޮޕްޓަރު ބަލަހައްޓަށް މިހާރުވެސް އިންޑިއާގެ 130 ސިފައިިން ރާއްޖޭގައި އެބަތިބި ކަމަށެވެ.
މިއަދު އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ޑިރެކްޓާ އޮފް ކޯސްޓްގާޑް ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ހެލިކޮޕްޓަރު މެއިންޓެއިން ކުރުމަށާއި އޮޕަރޭޓު ކުރުމަށް އާންމު ގޮތެއްގައި ތިބެނީ އިންޑިއާގެ 50 އެއްހާ ސިފައިން ކަމަށެވެ.
އުމަރު ނަސީރު ވިދާޅުވީ، އައްޑޫ ގައި އޮންނަ ހެލިކޮޕްޓަރު ބަލަހައްޓަށް އިންޑިޔާގެ 70 ސިފައިިން އެބަތިބި ކަމަށާއި، ލ. ކައްދޫގައި ހެލިކޮޕްޓަރު ބަލަހައްޓަން އިންޑިޔާގެ 60 ސިފައިން އެބަތިބިކަމަށެވެ.
އެ ދެ ހެލިކޮޕްޓަރު ބަލަހައްްޓަން ރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިންގެ އަދަދު ބައެއް ފަހަރު ބަދަލުވެގެންދާ ކަމަށް މިއަދުގެ ނިއުސް ކޮންފަރެންސް ގައި ސަލީމް ވިދާޅުވެފައިވާއިރު، އުމަރު ނަސީރު ވިދާޅުވީ، ސިފައިން އެހެން އެ ވިދާޅުވަނީ، ރާއްޖޭގައި އިންޑިޔާސިފައިންތިބޭ އަސްލު އަދަދު ބުނެނުދިނުމަށްކަމަށެވެ.
އުމަރު ނަސީރު ވިދާޅުވީ، ކުރިއަށްއޮތްތަނުގައި ހަތިޔާރާއެކު ރާއްޖެ އަންނަ އިންޑިޔާ ސިފައިންގެ އަދަދު އިތުރުވެގެންދާނެކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި ދެ ޑޯނިއާ މަތިންދާ ބޯޓާއި އިތުރު ހެލިކޮޕްޓަރެއް ގެނައުމަށް ދިވެހި ސަރުކާރާއެކު އެއްބަސްވެފައިވާ ކަމަށާއި އެ ތަކެއްޗާއެކު އިތުރު އިންޑިޔާ ސިފައިން ރާއްޖެ އަންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި އިންޑިއާއިން 10 ރާޑަރު އަންނަން އޮތުމުން އެއީވެސް އިންޑިއާ ސިފައިން އިތުރުވުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް މަސައްކަތް ކުރީވެސް އެސަބަބާހުރެ ކަމަށެވެ. ނަމަވެސް އެފަހަރުވެސް އިންޑިއާ ސިފައިން ނުފެއިބިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، 2010 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދުގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ގާއިމް ކުރި ހެލިކޮޕްޓަރުގެ ހިދުމަތްދޭ އެގްރީމެންޓްގައިވާގޮތުން، 10 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ފުލުހުން، ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ތަމްރީން ކޮށްދީ އެކަން ދިވެހި ސިފައިންގެ އަތްމައްޗަށް ދޫކޮށްލަން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމަށް 9 އަހަރު ވެފައިވާއިރުވެސް އިންޑިޔާއިން އެކަން ކޮށްފައިނުވާ ކަމަށާއި އެމީހުން އެކަން ނުވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގެ ސިފައިންނަކީވެސް ހެލިކޮޕްޓަކާއި ދުނިޔޭގެ ބޮޑެތި މަތިންދާ ބޯޓު ފަހަރު ދުއްވުމުގެ ގާބިލްކަން ލިބިފައިވާ ބައެއް ކަމަށެވެ. އެހެންކަމުން ހެލިކޮޕްޓަރެއް ދުއްވަން އިންޑީޔާ ސިފައިން ތިބުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، އިންޑިއާ ހެލިކޮޕްޓަރުތަކުން އެފަދަ ގޮތަކަށް މީހުން އުފުލުމަށްވުރެ ރާއްޖެއަކީ މާ ފުދުންތެރި ގައުމެއް ކަމަށެވެ. އެގޮތުން މަތިންދާ ބޯޓު ފަހަރުގަ އާއި ލޯންޗް ފަހަރުގައިވެސް މީހުން އުފުލޭނެކަމަށް ވިދާޅުވިއެވެ.
"ކީއްކުރަންތޯ؟ ކޮންމެހެން ހެލިކޮޕްޓަރު ދުއްވަން އިންޑީޔާ ސިފައިން ތިބެންވީ، ރާއްޖޭގައި ނެތީތޯ ހެލިކޮޕްޓަރު ދުއްވަން އެގޭބައެއް. ދިވެހިންނަށް ހެލިކޮޕްޓަރުގައި ބައިމީހުން ނޫފުލެނީތޯ،" އުމަރު ވިދާޅުވުިއެވެ.
އުމަރު ވިދާޅުވީ އިންޑިޔާ ސިފައިން ހެލިކޮޕްޓަރު ދުއްވުމުގައިވެސް ދިވެހި ދިފާއީ ބާރުގެ ކޮންޓްރޯލް އެއް ނޯންނަ ކަމަށެވެ. އެކަން ޑިފެންސް މިނިސްޓަރާއި ދިވެހި ސިފައިންނަށް އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެމީހުންބޭނުންވީމަ ބޭނުން ތަނަކަށް ނައްޓާލައިގެން ދަނީ، ރާއްޖޭގެ ކޮންޓްރޯލެއް ނޯވޭ. އެމީހުންގޮސް އުޅޭނެތަނަކު އުޅޭފަ އަންނަނީ، ރާއްޖޭގެ ތިން ޑިފެންސް މިނިސްޓަރާވެސް އަޅުގަނޑު އެކަމާ ވާހަކަދެއްކިން،" އުމަރު ވިދާޅުވިއެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި ޕްރިންސިޕަލް ޑިރެކްޓާ އޮފް ކޯސްޓްގާޑް ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ލިބޭވަރަކުން ދެ ގައުމު ގުޅިގެން
އޮޕަރޭޝަންތައް ހިންގުމުގެ ވިސްނުންތަކެއް އެމްއެންޑީއެފްއިން ގެންގެޅޭ ކަމަށެވެ. އަދި ވަރަށް އަވަހަށް އަނެއްކާވެސް ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ހޯދުމަށް އިއުލާން ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ