މައުމޫނަށް ލިބޭ ގެއްލުން ބެލިފަ، މައުމޫނު ދޭ ގެއްލުން ނުބެލުމަކީ ގޯހެއް: ދިޔާނާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބިލައްވާ ގެއްލުމެއްވިއްޔާ ބެލިފަ ރައީސް މައުމޫނު މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެ ލޭގޮތަށް އޮތުމަކީ ބޮޑު ގޯހެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނަ މިގޮތަށް ވިދާޅުވެފައިވަނީ މައުމޫނުގެ ގެކޮޅު މ. ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުން ދެއްވި މައްސަލަ ފުލުހުން ބަލަމުންދާކަމަށް ބުނެ ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.
ދިޔާނާ ވިދާޅުވީ މައުމޫނަށް ޖާބިރު ދިން ގެއްލުމުގެ މައްސަލަ ފުލުހުން ބައްލަވާއިރު މައުމޫނު ޖާބިރަށް ދިން ގެއްލުމުގެ މައްސަލަވެސް ބަލަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅައިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަން ވެސް ދިޔާނާ ފާހަގަކުރެއްވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ރައީސް މައުމޫނު ޖާބިރުގެ އަތުން 29 މިލިއަން ރުފިޔާ ނަގައިފައިވާކަމަށް ޖާބިރު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެ މައްސަލަ ޖާބިރު ވަނީ ފުލުހަށާއި ކޯޓަށް ވެސް ހުށައަޅާފައެވެ.
ޖާބިރު ވިދާޅުވެފައިވަނީ ރައީސް މައުމޫނު އެ ފައިސާގެ ބަދަލުގައި ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ ދެއްވަންޖެހޭނެކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި ޖާބިރު ވަނީ ރައީސް މައުމޫނުގެ ގެކޮޅު، ކިނިގަސްދޮށުގެ ކައިރިޔަށް ވަޑައިގެން ބޭރަށް ފެންނަންހުރި ވެޔޮތަކަށް ގެއްލުންދީ އެގެއާއި ހަވާލުވެފައިވާކަމަށް ވިދާޅުވެފައެވެ.
ރައީސް މައުމޫނު ވަނީ ޖާބިރު މީޑިއާގެ އެކި ޕްލެޓްފޯމްތަކުގަ އާއި މަޖިލިސްތެރޭގައި އެމަނިކުފާނުގެ ނަން ވިދާޅުވެ ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ