ލާމަރުކަޒީ ބިލު ކޮމިޓީން ދިރާސާ ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ ބިލު އިސްލާހް ކުރުމަށް އަލުން ކޮމިޓީއަށް ފޮނުވުމަށް އެމްޑީޕީން ހުށަހަޅައިފި

14:30އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލު ކޮމިޓީން ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ ބިލު އިސްލާހް ކުރުމަށް އަލުން ކޮމިޓީއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން މިއަދު ހުށަހަޅައިފި އެވެ.މި ބިލު އިސްލާހްކުރި ކޮމިޓީގެ މުގައްރިރު، ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒް ބިލު ދިރާސާކުރި ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމުން އެބިލަށް އިސްލާހް ހުށަހެޅުމުގެ ފުރުސަތު ރިޔާސަތުން ހުޅުވައިލުމުން އެބިލު ދިރާސާކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި، ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވަނީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް އިސްލާހް ހުށަހަޅުއްވައިފަ އެވެ.މީގެ އިތުރުން ޑީއާރުޕީ އާއި އެމްޑީޕީގެ އިތުރުން އެހެނިހެން މެންބަރުން ވެސް ވަރަށް ގިނަ އިސްލާހްތަކެއް މި ބިލަށް ހުށަހަޅުއްވަމުން ގެންދެވުމާއި، ގިނަ އިސްލާހްތަކެއް ހުށަހެޅުމަށް ހުރުމާއެކު، މެންބަރުން އެ އިސްލާހްތައް ހުށަހަޅުއްވައި ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ވެސް މިއަދުގެ ޖަލްސާ އިން ވަނީ ފާސްކޮށްފަ އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާއި ލޯކަލް ކައުންސިލްތަކުގެ ބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހަޅުއްވި ގަޜާރު މަޖިލީހަށް ބަލައިގަތުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެންބަރުންތަކެއް ދައުރުގެ މުއްދަތު އިތުރު ކުރެއްވުމާ ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފެނިވަޑައިގަންނަވައިތޯ ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވައިގެން ގަރާރު މަޖިލީހަށް ބަލައިގަތުމުން އެ ގަރާރު ވަނީ އާއްމު ކޮމިޓީއަށް ފޮނުއްވައިފަ އެވެ.މިގާރާރު ހުށަހަޅުއްވަމުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، ލާމަރުކަޒީ އުލޫކުން ހިންގުމުގެ ބިލާއި ލޯކަލް ކައުންސިލްތަކުގެ ބިލުން ބާއްވަންޖެހޭ އިންތިހާބުތައް 2009 ވަނަ އަހަރުގެ ޖުލައި މަހުގެ އެކެއްގެ ކުރިން ބާއްވައި ނިންމަންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވީނަމަވެސް އެ މުއްދަތަށް މަސައްކަތް ނިމިފައިނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މިމަހުގެ ނިޔަލަށް ނިމި މެންބަރުންނަށް ޗުއްޓީ ދިނުމުން އެ މަސައްކަތް އިތުރަށް ލަސްވެގެންދާނެތީ ގާނޫނު އަސާސީގައި ބުނެފައިވާ އެ މަސައްކަތް އަވަސްކޮށް އެ ދެ ބިލުގެ މަސައްކަން ނިމުމުން މެންބަރުންނަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ދޭގޮތަށް މި ގަރާރު ފާސްކޮށްދެއްވުން އެދި މަޖިލީހުގެ ގަވާއިދުގެ ދަށުން ހުށަހެޅުއްވީ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.މި ގަރާރާ ދެކޮޅަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، މަސައްކަތް ލަސްވަނީ ޗުއްޓީގެ މައްސަލަ ނުވަތަ ވަގުތުގެ މައްސަލައާހެދި ނޫން ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތް ލަސްވަނީ ސިޔާސީ ވާދަވެރިކަން ބޮޑުވެގެން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ. އަދި ގަރާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވީ، މި ގަރާރަކީ މުހިއްމު ގަރާރެއް ކަމަށެވެ. އަދި ކައުންސިލްތަކުގެ އިންތިހާބުގެ އުއްމީދުގައި އެތައް ރައްޔިތުންނެއް ތިބިއިރު ހޭލައި ތިބެގެން ވެސް މި ބިލަކީ ނިންމަންޖެހޭ ބިލެއް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރައެއް އޮންނައިރު ރައްޔިތުންނަށް ޓަކައި ޗުއްޓީ ގުރުބާންކުރަން ޖެހިލުންވެގެން ނުވާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ