ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކޮށް މިމަހުގެ 7 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ރިޔާސީ އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން މިރޭ އަމުރު ނެރެފި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހަސަން ސޮއިކުރައްވާ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ 2013 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ޖެހޭ ރިޔާސީ އިންތިހާބަކީ ދިވެހި ރައްޔިތުންގެ ވޯޓު ލުމުގެ ހައްގު ލިބިގެންވާ އެންމެހާ ރައްޔިތުންނަށް މިނިވަންކަމާއިއެކު އެއްވެސް ބާވަތެއްގެ ހުރަހެއް އެޅުމަކާއި ނުލައި، އެ ހައްގު ބޭނުންކުރެވޭ އިންތިހާބަކަށް ހެދުމަކީ އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާއި ބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްވެގެންވާ ކަމެއް ކަމަށެވެ.
އަދި ރާއްޖޭގައި ބޭއްވެން ޖެހޭ އެކި އެކި އިންތިހާބުތަކަކީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދެފުށް ފެންނަ ގޮތަށް ބޭއްވޭ އިންސާފުވެރި އިންތިހާބުތަކެއްކަން ކަށަވަރުކުރުމަށްޓަކައި ސުޕްރީމް ކޯޓުން އެންމެ ފަހުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބޭއްވޭ އިންތިހާބުތަކަކަށް ވާން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިހާބު ބާތިލްކުރަން ކުރި ހުކުމުގައި ކަނޑައެޅިފައިވާ ތާރީހުތަކުގައި ރިޔާސީ އިންތިހާބު ބޭއްވިފައިނެތުމަކީ ހުކުމުގައި ފާހަގަކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެ މަތިން ނޫން ގޮތަކަށް އެ އިންތިހާބު ބޭއްވުން ގާނޫނީ ގޮތުން ހުއްދަ ކުރެވޭނެ ސަބަބަކަށް ނުވާތީ 2013 ވަނަ އަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިހާބު ގައިޑްލައިންތަކާއި އެއްގޮތަށް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށައި ދިވެހި ދައުލަތުގެ ކަމާއި ބެހޭ އެންމެހާ މުއައްސަސާތަކުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައިވެ އެވެ.
ސްޕްރީމް ކޯޓުގެ ގައިޑުލައިނުގައިވާ ގޮތަށް ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއިކުރަން ކެންޑިޑޭޓުންނަށް އެކަށީގެންވާ ފުރުސަތެއް ދޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުން ސޮއިނުކުރެއްވި ނަމަވެސް އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގައިޑްލައިންތަކުގެ ތެރެއިން ފަސް ވަނަ ކަމެއްގެ ގޮތުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅައި މަންދޫބުން ވޯޓާސް ލިސްޓްތައް ބަލައި ޗެކްކޮށް ލިސްޓުތަކުގައި ސޮއިކުރަން ވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ ލިސްޓްތައް ބަލައި ޗެކް ކުރުމަށް ފަހު ކެންޑިޑޭޓުން އޭގައި ސޮއި ކުރުމަށް އެކަށީގެންވާ ފުރުސަތެއް މިފަހަރު ދެއްވާނެ ކަމަށާއި ނަމަވެސް ވަގުތުގެ ގޮތުން ދިގު މުއްދަތެއް ދެވެން ނޯންނާނެ ކަމަށެވެ.
“ހަ ގަޑިއިރު ނުވަތަ ހަތްގަޑިއިރު ނޫނީ ކޮންމެ ވެސް މުއްދަތެއް ދީފައި އަޅުގަނޑުމެން ދަންނަވަން ޖެހޭނީ އެ މުއްދަތުގެ ތެރޭގައި އެ ބޭފުޅުން ސޮއި ނުކުރައްވައިފިއްޔާ ދެން އެ ހިސާބުން ބަލަން ޖެހޭނީ އެ ހެރީ ސޮއި ކުރެވިފައި ކަމަށް. ނޫނީ އެބޭފުޅުން އޭގައި ސޮއި ނުކުރަށްވާނޭ ކަމަށް. ދެން އެކަމަކު އިންތިޚާބާއިގެން އަޅުގަނޑުމެން ޖެހޭނީ ކުރިއަށް ދާން،” ފަޔާޒު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހު ބާއްވަން ތައްޔާރުވެފައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނުބޭއްވިދިޔަ އެންމެ ބޮޑު އެއް ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ދެ ކެންޑިޑޭޓަކު ވޯޓުލާ މީހުންގެ ލިސްޓްގައި ސޮއި ނުކުރެއްވުމުގެ ސަބަބުން ކަމަށެވެ.
ވަކި ކެންޑިޑޭޓަކު ވަކިކަމެއް ނުކުރުމުން މުޅި ރިޔާސީ އިންތިހާބު ނުބޭއްވިގެން ނުވާނެ ކަމަށާއި ކެންޑިޑޭޓުން ލިސްޓުގައި ސޮއި ނުކުރެއްވި ނަމަވެސް ނޮވެމްބަރު 9 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރަށް ކަމަށް ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ އިއުލާންކުރި ގޮތުގައި އިންތިހާބުގެ ފުރަތަމަ ބުރު އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާއިރު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ދެވަނަ ބުރެއް ހަމަ އެ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
ރިޔާސީ އިންތިހާބު ބޭއްވެން ޖެހޭނީ ކޯޓުގެ ގައިޑްލައިނާއި އެއްގޮތަށް - ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ