ވޯޓުގައި ދެން އިތުރު އޮޅުވާލުންތައް ހިނގައިދާން ބޭނުމެއް ނޫން - މައުމޫން

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށާއި ދެން ވޯޓުގައި އިތުރު އޮޅުވާލުންތައް ހިނގައިދާން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ ރަސްމީ ޕޭޖްގައި ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާ ކަމަށާއި އެ އިންތިހާބު ބޭއްވެން ވާނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ރައީސް މައުމޫން ވިދާޅުވި ގޮތުގައި ޑިމޮކްރަސީއެއްގައި ގާނޫނަށް އިހްތިރާމްކުރަން ޖެހެ އެވެ.
"އަޅުގަނޑު ގޮވާލަން އިލެކްޝަންސް ކޮމިޝަނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވައިދިނުމަށް، އަދި އެ އިންތިހާބަކީ ދެފުށް ފެންނަ ސުޕްރީމް ކޯޓުގެ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެ މަތިން ވީހާވެސް އަވަހަކަށް އިންތިހާބު ބާއްވާ ދިނުމަށް، ގާނޫނު އަސާސީގައި ބުނާ ގޮތުން ސުޕްރީމް ކޯޓަކީ އެންމެ މަތީ ފަރާތް، ޑިމޮކްރަސީއެއްވެއްޖެއްޔާ ގާނޫނަށް އިހްތިރާމްކުރަން ޖެހޭނެ." ރައީސް މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުން ބޭނުންވާ ވެރިއަކު ދެން ހޮވާނީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ފަދަ އިންތިހާބެއް ބާއްވައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހަތެއް ސެޕްޓެމްބަރުގައި ބޭއްވި އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކޮށް ރައީސް މައުމޫން ވިދާޅުވީ ރެންޑަމްކޮށް ނެގުނު 50 ފޮއްޓެއްގައި 22،000 މީހުން ވޯޓްލި އިރު އޮޅުވާލައިގެން ލާފައިވާ 5،600 ވޯޓު ހުރި ކަމަށެވެ. އެހެންކަމުން ދެން އެފަދަ ކަމެއް ހިނގައިދިއުމަށް ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު އިއްޔެ ބާއްވަން އޮއްވާ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ކެންސަލްކުރީ ފުލުހުން އިލެކްޝަންސް ކޮމިޝަނަށް ވަދެ އިންތިހާބު ބޭއްވުމަށް ހުރަސް އެޅުމުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިއްޔެ އިންތިހާބު ނުބާއްވާ ކެންސަލްކުރުމާއި ގުޅިގެން އެމްޑީޕީން ވަނީ މާލޭގައި އާއި ބައެއް ރަށް ރަށުގައި މުޒާހަރާވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ