ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫން ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދު ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އިންތިހާބު ކާމިޔާބު ކުރެއްވީ 1،238 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރާޒީއަށް ލިބިވަޑައިގަތީ 763 ވޯޓެވެ. މި ދެ ބޭފުޅުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވީ އެލްޖީއޭގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި މޫސާ ނަސީރު އަހްމަދަށް 31 ވޯޓް ލިބިވަޑައިގެންފައިވާއިރު ޝަމީމް އަލީ އަށް ލިބިވަޑައިގެންފައިވަނީ 52 ވޯޓެވެ.
ދިއްގަރު ދާއިރާގެ ފަސް ރަށުގައި ފަސް ވޯޓް ފޮށި އަދި މާލޭގައި އެއް ވޯޓް ފޮށި މި އިންތިހާބާ ގުޅިގެން ބެހެއްޓިފައިވާއިރު ހުރިހާ ވޯޓް ފޮއްޓަކުން ވެސް ކުރި ހޯއްދެވީ ފާރިސް މައުމޫން އެވެ.
ވަކިވަކި ރަށްރަށަށް ބަލާއިރު ދިއްގަރުން ފާރިސްއަށް 360 ވޯޓް ލިބިވަޑައިގެންފައިވާއިރު ރާޒީއަށް ލިބިވަޑައިގެންނެވީ 275 ވޯޓެވެ. މޫސާ ނަސީރަށް އެރަށުން ހަތަރު ވޯޓް ލިބިވަޑައިގެންނެވި އިރު ޝަމީމަށް ލިބިވަޑައިގެންނެވީ ތިން ވޯޓެވެ. މުލީގައި ބެހެއްޓި ވޯޓް ފޮށިން ފާރިސް އަށް 322 ވޯޓު ލިބިވަޑައިގެންފައިވާއިރު ރާޒީއަށް ލިބިވަަޑައިގަތީ 99 ވޯޓެވެ. މޫސާ ނަސީރަށް އެ ރަށުން 16 ވޯޓް ލިބިވަޑައިގެންފައިވާއިރު ޝަމީމަށް ލިބިވަޑައިގަތީ ފަސް ވޯޓެވެ. ވޭވަށުން 89 ވޯޓް ފާރިސް އަށް ލިބިވަޑައިގެންފައިވާއިރު ރާޒީ އަށް ލިބިވަޑައިގަތީ 59 ވޯޓެވެ. މޫސާ ނަސީރު އަހުމަދަށާއި ޝަމީމަށް ވޭވަށުން އެންމެ ވޯޓެއް ވެސް ލިބިވަޑައިގެންފައެއް ނުވެ އެވެ. މަޑުއްވަރީގެ ވޯޓަށް ބަލާއިރު އެރަށުގެ ވޯޓް ފޮށިން ފާރިސް އަށް 116 ވޯޓް ލިބިވަޑައިގެންފައިވާއިރު ރާޒީ އަށް ލިބިވަޑައިގަތީ 108 ވޯޓެވެ. މޫސާ ނަސީރަށް އެއް ވޯޓް ލިބިވަޑައިގެންފައިވާއިރު ޝަމީމަށް ލިބިވަޑައިގަތީ 28 ވޯޓެވެ. މި ދާއިރާގައި އެންމެ މީހުން މަދު ރަށުގެ ގޮތުގައި ބަލާ ރަތްމަންދޫ ވޯޓު ފޮށިން ފާރިސް އަށް 60 ވޯޓް ލިބިވަޑައިގެންނެވިއިރު ރާޒީ އަށް ލިބިވަޑައިގަތީ 24 ވޯޓެވެ. މޫސާ ނަސީރަށް މިރަށުގެ ފޮށިން ތިން ވޯޓް ލިބިވަޑައިގެންފައިވާއިރު ޝަމީމަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ.
މާލެއަށް ވޯޓް ލުމަށް ބޭނުންވާ ދިއްގަރު ދާއިރާގެ ރައްޔިތުން ވޯޓްލުމަށް މާލޭގައި ބެހެއްޓުނު ވޯޓް ފޮށީގެ ނަތީޖާއަށް ބަލާއިރު ފާރިސްއަށް މިފޮށިން ވަނީ 291 ވޯޓް ލިބިވަޑައިގެންފަ އެވެ. ރާޒީ އަށް 198 ވޯޓް ލިބިވަޑައިގެންފައިވާއިރު ޝަމީމަށް 15 ވޯޓް އަދި މޫސާ ނަސީރަށް ހަތް ވޯޓް ލިބިވަޑައިގެންފައިވެ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އިންތިހާބުގައި ވޯޓުލުމަށް 2،555 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު 73 ޕަސެންޓް މީހުން ވޯޓުލި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ދިއްގަރު ދާއިރާގެ އިންތިހާބު ފާރިސް ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ