ސައިޒުކޮށް ތޯލާފުޅިއަށްލިޔަސް އަނގަ ނުހުޅުވެނީ ގަންނާކުރައްވާ ބިރުން

ސިޔާސީގޮތުން އިސް މަގާމުތަކުގައި ތިބޭ މީހުން އެކަހެރި ކުރުމާއި ވަކިކުރުމަކީ ހުރިހާ ވެރިކަމެއްގައިވެސް ހިނގާކަމެކެވެ. މާ ކުރީގެ ވާހަކައެއް ދައްކާނެ ކަމެއް ނެތްތާއެވެ. އެންމެ ފަހުން ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ސޯލިހުގެ ވެރިކަމުގައިވެސް ބައެއް ވަޒީރުންނާއި ސިޔާސީ މީހުން އެމީހުން ތިބި މަގާމުތަކުން ވަކިކުރެއްވިއެވެ. އެކަހެރި ކުރެއްވިއެވެ.
އޭގެތެރެއިން ޖިންސި ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވުނު އޭރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ އެއް ބޭފުޅެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ވަގުތީ ގޮތުން މަގާމުން އެކަހެރިކުރެއްވި ވަޒީރު އަހުމަދު މަހުލޫފަކީ އަނެއް ބޭފުޅެކެވެ. އެ ދެބޭފުޅުންނަށް އެޅުއްވި ފިޔަޅާ ގުޅިގެން އެބޭފުޅުން އަމަލުކުރެއްވީ ވަރަށް ހުތުރުކޮށެވެ. 
ރާއްޖޭން ބޭރުގައި ހުންނަވައިގެން އަލީ ވަހީދު އެދުވަސްކޮޅު ލައްކަވަރުކޮށްލެއްވިއެވެ. މަހުލޫފު ވެސް މަގާމަށް އަނބުރާ އިޔާދަ ކުރައްވަންދެން އުޅުއްވީ ވަރަށް އައްޗިކޮންނެވެ. ސިޔާސީގޮތުން ސަރުކާރުން ވަޒީފާއެއް ދީފައިހުންނަ މީހެއްގެ މަގާމު ގެއްލުމަކީ ސަރުކާރަށް ފިސާރި ބޮޑަށް ކުނިފުޅައާއި ބަދުނާމު ރައްދުވާ ކަމެކެވެ. ވާދަވެރިންނާ ގުޅިގެން ސަރުކާރު ބަދުނާމުކުރުމުގައި އަވަދިނެތި އުޅޭ ކަމެކެވެ. 
އެކަމަކު ރައީސް މުއިއްޒުގެ ވެރިކަމުގައި ފެންނަ މަންޒަރު ވަރަށް ތަފާތެވެ. އިސް މަގާމުތަކުގައި ތިބި އެތައް ބަޔަކު ކަނޑާ އުކާލައިފިއެވެ. އެންމެ އަރިސްކޮށް ގެންގުޅުއްވި އާދަމް ރަމީޒާއި އަލީ އާރިފް މަގާމުން ވަކިކޮށްލި ހިސާބުން ވީތަނެއް ވެސް ނޭނގެއެވެ.
މުއިއްޒުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ އަދި ރޯލް މޮޑެލްގެ ދެލޮލުގެ ކޮއިފަދަ ދަރިފުޅު ފައިސަލް މަގާމުން ވަކިކޮށްލި ހިސާބުން ސަރުކާރު ރެދުލާ ފަޅިފަޅިވާނެ ކަމަށް ބެލެވުނެވެ. ރޯލް މޮޑެލް އަދުރޭގެ ބާރުތައް ނަގާ ސައިޒުކޮށް ތޯލާފުޅިއަކަށް ލުމުންވެސް ޗުއްޕުވެސް ނުބުނެ ހުންނަންޖެހުނީ ހަނެވެ. 
ސްޓޭޓް މިނިސްޓަރ ޝަމްނާޒް ގާތްވާން ސިހުރު ހެދިކަމަށްވެ މަގާމުން ވަކިކޮށް ޖަލަށްލުމުން ވެސް ހުރީ އަނގަމަތީ ޓޭޕް އެޅިފައެވެ. ވައްކަމުގެ ބޮޑު ތުހުމަތެއްގައި މިނިސްޓަރ ފެންވަރުގެ އެމްޑީ ފަޒުލް މަގާމުން ވަކިކޮށް މުޅި އާއިލާގެ އަބުރުކަތިލާ ހެދީމާވެސް ހުރީ ހަނެވެ. ވަޒީރު ކަމުގައި ތިއްބާ މަޖުބޫރުކޮށްގެން އިސްތިއުފާ ހުށަހެޅުވި އެންމެންވެސް އެތިބީ އަނގަ ބަންދުކޮށްގެންނެވެ. ކުންފުނިތަކުގެ އެމްޑީން ގޮތުގައާއި އެނޫން އިސް މަގާމުތަކުގައި ތިއްބާ ވަކިކޮށްލި އެތައް ބަޔަކުވެސް ތިބޭތީ ފެންނަނީ ބަސް ހުއްޓިފައެވެ. 
އެންމެ ފަހުން އެންމެ ފަހުން ހުތުރު ގޮތަކަށް މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރި ތަޖުރިބާކާރު ނުފޫޒުގަދަ ޕޮލިޓީޝަނެއް ކަމަށް ބުނާ އަހުމަދު ނާޒިމް ވެސް މުއިއްޒާ ޖެހުމުން އެހުރީ ކުޑަވެފައެވެ. އަދުރޭއެއް ނާޒިމެއް އެހެން މީހެއް ކިޔާނެކަމެއްނެތްތާއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހުއްޓާ ހައްޔަރުކޮށް ޖަލަށްލީ ޝައްމާނު ބުނެލިވަރުގެ ބަހެއްވެސް ބުނެނުލާ އެންމެން އެތިބީ ވާ ލޯތްބަކުން ނޫނެވެ. މުއިއްޒު ކޮށްފާ ނުކުރާނެކަމެއް ނޯންނާނެކަން އެނގޭތީ ގަންނާ ކުރައްވާ ބިރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ