ޖޭއެސްސީން ބޭނުންވެއްޖެ ނަމަ އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކޯޓުތަކުގެ އިސް ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ލިބޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ. މިއީ ކޯޓުތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އާ ގަވާއިދުގައިވާ ގޮތުން، ކޯޓެއްގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިސް ފަނޑިޔާރަކު އެ މަގާމުން ދުރުކުރަން ޖޭއެސްސީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި އެ ބާރު ބޭނުންކުރުމުގެ އިހުތިޔާރު މިހާރު އެ ކޮމިޝަނަށް އޮންނާނެއެވެ. މިއީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުމަށް ގެނެވުނު މުހިންމު ބަދަލެކެވެ.
ކުރިން އަމަލުކުރަމުން އައި އުސޫލަށް ބަލާއިރު، އިސް ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވެނީ ހަމައެކަނި ދެ ހާލަތެއްގައެވެ. އެއީ އެ ބޭފުޅަކު އަމިއްލައަށް މަގާމުން އިސްތިއުފާ ދިނުމުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުންނެވެ. ނަމަވެސް އާ ގަވާއިދާއެކު، ފަނޑިޔާރުކަމުގައި ހުރި ނަމަވެސް އިސް ފަނޑިޔާރުގެ މަގާމުން ވަކިކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވެއެވެ.
މީގެ އިތުރުން، އިސް ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގެ މަރުހަލާވެސް ވަނީ ސާފުކޮށްފައެވެ. އެގޮތުން، އިސް ފަނޑިޔާރުކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީން ކުރާ އިންޓަވިއުތަކަށްފަހު، އެ ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވާ ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ