ހދ. އަތޮޅު ބޯޑަށް ހުރަސްއެޅުން އެމްޑީޕީން ކުށްވެރިކޮށްފި

އަތޮޅު ކައުންސިލްތައް އުވާލާފައިވަނިކޮށް، އަތޮޅުގެ ތަރައްގީއަށް ހުރިހާ ރަށެއް ބައިވެރިވެގެން މަސައްކަތް ކުރަން ހާއްސަ ބޯޑެއް އެކުލަވާލަން ހދ. އަތޮޅުގެ ރަށްތަކުން ފެށި މަސައްކަތް ހުއްޓާލަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުން އެމްޑީޕީން ކުށްވެރިކޮށްފި އެވެ. 
ހދ. އަތޮޅުގެ ރަށްތައް ޝާމިލުވާ ގޮތަށް ބޯޑެއް އެކުލަވާލަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތް ވަގުތުން ހުއްޓާލަން އެލްޖީއޭ އިން އަންގައި، އެ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވެ އެވެ. 
އެކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލްތަކުން އަމިއްލަ އިހްތިސާސްގެ ތެރެއިން ނިންމާ ނިންމުންތަކަށް ދައުލަތުގެ އިދާރާތަކުން ނުފޫޒު ފޯރުވައި، އެ ނިންމުންތައް ބާތިލުކުރުމަށް މަޖުބޫރުނުކުރެވޭނެ ކަމަށެވެ. ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކުރި ނިންމުމެއް ސަރުކާރުން ބޭނުންވާ ގޮތަކަށް ބަދަލުކުރަން އެންގުމަކީ ގާނޫނުގެ ބާރު ކަނޑުވާލުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ ސަރުކާރުގެ ނުފޫޒުން ފޮނުވާ ސިޓީތަކުން މި ނިންމުންތައް ގަދަކަމުން ބާތިލުކުރުވަން އުޅުމަކީ، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ނިންމުމަށާއި، ޖުމްލަކޮށް މުޅި ހދ. އަތޮޅު ރައްޔިތުންގެ ގޮވާލުންތަކަށާއި ޝުއޫރުތަކަށް ސަރުކާރުން ބެލުމެއް ނެތްކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. 
ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަށް އިހްތިރާމްކޮށް، އެ ނިންމުން ބަދަލުކުރުމަށް ފޮނުވާފައިވާ އެންގުން ވަގުތުން އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލާފައިވެ އެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ މަންފާއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލަން ވެސް ގޮވާލާފައިވެ އެވެ. 
The most trusted news source in the Maldives
އެލްޖީއޭ އިން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އަތޮޅު ކައުންސިލްތައް އުވާލައި އެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް އެލްޖީއޭއާ ހަވާލުކޮށްފައިވާއިރު މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީ މަސްއޫލިއްޔަތެއް ކަމަށެވެ. 
އެހެންވެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ބޯޑެއް އެކުލަވާލުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އެލްޖީއޭ އިން ބުންޏެވެ. އަދި އެގޮތަށް މަސައްކަތް ކުރުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ މަހުފޫމާ ފުށުއަރާ ކަމަށް ވެސް އެ އޮތޯރިޓީން ދެކެ އެވެ. 
އެލްޖީއޭ އިން އަންގާފައިވަނީ އެ ބޯޑު އެކުލަވާލަން ރަށްތަކުން ކުރަން ފެށި މަސައްކަތް ހުއްޓާލުމަށާއި އަދި އެ ނިންމުމަށް ވާސިލުވި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށެވެ. 
އެލްޖީއޭގެ ސިޓީއާ ގުޅިގެން މޭޔަރު އާތިފް ވިދާޅުވީ ބޯޑެއް އެކުލަވާލަން މަސައްކަތް ކުރަނީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭ އިން ދޭ ހިދުމަތްތައް ދޭން ނޫން ކަމަށާއި އެއީ ރަށްތައް ގުޅިގެން އަތޮޅުގެ ތަރައްގީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލައި، އެކަންކަމުން ނަތީޖާއެއް ހޯދުމަށް ފެށި މަސައްކަތެއް ކަމަށެވެ. 
އާތިފް ވިދާޅުވި ގޮތުގައި އެހެން ދައްކާ ބިރަކަށް ފަހަތަކަށް ނުޖެއްސޭނެ އެވެ. އަދި ސަރަހައްދުގެ ރައްޔިތުންގެ ހަައްގުގައި ކުރާ މަސައްކަތެއް ނުހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ