މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ މައުލޫމާތު ލީކުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފު ގާސިމް އަބްދުލްކަރީމް އަށް މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރު ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާއެވެ. އެ ދައުވާތަކުގެ ޝަރީއަތް ފެށުނީއްސުރެ ގައުމީ ސަލާމަތަށް ކަމަށް ބުނެ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އިރު އަންގާރަ ދުވަހު ގާސިމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ވެސް ސިއްރުކޮށްގެންނެވެ.
ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާގެ ހުކުމުގައި ބުނެފައިވަނީ އެ އަމަލު ހިންގި ކަމަށް ގާސިމް އިއުތިރާފްވެ، އެކަން ކުރީ ހެޔޮ ނިޔަތުގައި ކަމަށް ބުނި ނަމަވެސް އެކަން ސާބިތުކޮށް ދެވިފައި ނުވާކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކުން ކުށް ކުރިކަން ސާބިތުވާތީ ހަ މަސް ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ގާސިމް ޖަލަށް ލުމަށް ހުކުމް ކުރި އިރު އޭނާ މިހާރު ބަންދުގައި ހުންނަތާ ހުކުމް ކުރި މުއްދަތަށް ވުރެ އިތުރުވެއްޖެއެވެ. އެ ކުށުގައި ގާސިމް ހައްޔަރުކޮށް ބަންދުކުރީ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ. ހުކުމުގެ މުއްދަތު ގުނަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރޭ ދުވަހުން ފެށިގެން ކަމުގައިވާތީ، ގާސިމްގެ ޖަލުގެ މުއްދަތު މިހާރު ވެސް ވަނީ ހަމަވެފައެވެ. އެހެން ކަމުން އޭނާ މިނިވަންކުރަންޖެހޭނެއެވެ.
ގާސިމްގެ މައްޗަށް ދައުވާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބީއެމްއެލްގެ އެކައުންޓެއްގައި ބަހައްޓައިގެން، އެ ފައިސާ ދައުރު ކުރި ގޮތުގެ މައުލޫމާތު ލީކުކުރި ކަމަށް ބުނެ އެވެ. ގާސިމް ލީކުކޮށްލާފައިވަނީ، ޚިޔާނާތްވި 1.22 ބިލިއަން ރުފިޔާގެ ތެރެއިން 1.1 ބިލިއަން ރުފިޔާ ޖަމާކުރި ސްކޯސް އޮފް ފްލެއާ، އެސްއޯއެފް ކުންފުނިން އެ ފައިސާ ފޮނުވި ފަރާތްތަކުގެ މައުލޫމާތުތަކެވެ.
ގާސިމް އަބްދުލްކަރީމް 8 މަހާއި 12 ދުވަހަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ