އިލްމުވެރިއަކު ވިދާޅުވާ ވާހަފުޅަކުން ހުރިހައި އިލްމުވެރިންނަށް އަމާޒުވާގޮތަށް ބަސްތައް ބުނެގެން ނުވާނެ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އިލްމްވެރިޔާ ވިދާޅުވި ބަސްފުޅުގެ ހަޤީޤަތް ހޯދުމަށް ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރާއްޖޭގައި ތިބެގެން މިފަދަކަން ފަސޭހަކަމާއިއެކު ބެލޭނެ ގޮތްތައް މިހާރު އެބަހުރި ކަމަށެވެ. އީ ލައިބްރަރީގެ ޚިދުމަތް ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ ލައިބްރަރީއެއްގައި ހުރި ފޮތްތަކަށް ވެސް ވަދެ ފޮތްތަކުގައިވާ ލިޔުންތައް ބެލެން އެބަހުރި ކަމަށެވެ. "އެހެންވީމާ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ އިލްމުވެރިޔާގެ ބަސްފުޅުގެ ދަލީލު ހޯދުން."
ޝައިޚް އަލީ ޒައިދު ވިދާޅުވީ ފަހުޒަމާނުގައި ތަފާތު ވާހަކަފުޅުތައް ދައްކަވާނެ އިލްމުވެރިން އުޅުއްވާނެ ކަމަށް ބުނެވިފައި އޮތުމަކީ އެމީހަކަށް އަލަށް އަޑުއިވޭ ކޮންމެ ވާހަކައެއް ދޮގުކުރަން ޖެހެންވީ ސަބަބެއް ނޫން ކަމަށެވެ.
"މިސާލަކަށް ދާދިފަހަކާއި ޖެހެންދެން ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އީދު މީލާދު ރާއްޖޭގައި އައީ ފާހަގަކުރަމުން. އެއީ ކޮށްގެން ވާނެ ކަމެއް ކަމަށް ބުނީމާ ބުނާ މީހާ ކުށްވެރިކުރުމުގެ ބަދަލުގަ އެވާހަކައިގެ ހަޤީޤަތް ހޯދީމާ ކަންކަން އެންމެ ރަނގަޅުވާނީ. އެހެންވީމާ އަލަށް އިވޭ ކޮންމެ އަޑެއް ކުށްވެރިކުރުމުގެ ބަދަލުގަ ކަންކަން އޮތްގޮތް ބަލަންޖެހެނީ."
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އިލްމް އުނގެނެން މަސައްކަތްކުރަން ވަކި އުމުރެއް ނެތް ކަމަށާއި ބައެއް ޞަހާބީން ކީރިތި ޤްރްއާން ހިތުދަސް ކުރެއްވީ އުމުރުފުޅުން ވަރަށް ގިނަ ދުވަސްވެ މުސްކުޅިފުޅުވެސް ވީފަހުން ކަމަށެވެ. އެހެންކަމުން ކޮންމެ އުމުރެއްގައިވެސް އިލްމު ޙާޞިލުކުރުމަކީ ގަދައަޅައި މަސައްކަތްކޮށްފިނަމަ ކުރެވޭނެ ކަމެއް ކަމަށެވެ.
ކީރިތި ޤްރްއާނާއި އަރަބި ބަސް އުނގެނެން ރާއްޖޭގައި ވަރަށް ދުވަސްވީ އަންހެނުން މަސައްކަތްކުރާކަމާއި ނަމަވެސް ފިރިހެނުން އެފަދަ މަސައްކަތްކުރާ މިންވަރު މަދުކަން ޝައިޚް ޢަލީ ޒައިދު ވަނީ ފާހަގަކުރައްވައިފައެވެ. "ކޮބައިތޯ ފިރިހެނުން އިލްމް އުނގެނެން މަސައްކަތް ކުރަން ފަސްޖެހެންވީ ސަބަބަކީ؟"
ކިރިތި ޤްރްއާން ކިޔެވުން ހުއްޓައި ނުލުމަށްވެސް ޝައިޚް އަލީ ޒައިދު ވަނީ އިލްތިމާސްކުރައްވައިފައެވެ. "ބައެއް ކުދިން ސްކޫލް ދައުރު ނިމުމުން ކީރިތި ޤްރްއާން ކިޔެވުން އެކީގައި އެބަހުއްޓާލާ. އެކަމުގެ ނަތީޖާއަކަށްވަނީ ދުވަސްކޮޅަކުން ކިޔަވަން ނުއެނގޭވަރަށް ބީރައްޓެހިވުން. މިއީ ވަރަށް ދެރަކަމެއް. އެއްވެސް މީހަކު ކީރިތި ޤްރްއާނާއި ބީރައްޓެހިވެގެން ނުވާނެ. އަބަދުވެސް ކިޔަވަންވާނެ."
އިލްމްވެރިންނަށް ރަހްމަތް ލެއްވެވުން އެދި އެއްގަމާއި ކަނޑުތަކުގައި ވާހައި އެއްޗެއް ދުއާކުރާނެ ކަމަށާއި އިލްމް އުނގެނެން މަސައްކަތްކުރާމީހާއަށް މަލާއިކަތް ބޭކަލުންގެ ފިޔަފުޅުތަކުން ހިޔާއަޅުއްވައި ދެއްވަވާނެ ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
ޝައިޚް އަލީ ޒައިދު މިމޭރުމުން ދަރުސް ދެއްވީ މިއަދުނޫހާއި އަލްކައުން ޓީވީ ގުޅިގެން މިދިއަ ހުކުރު ދުވަހު ވިޔަފަރިވެރިންގެ މިސްކިތުގައި ކުރިއަށް ގެންދިއަ ދަރުސްގައެވެ.
އިލްމްވެރިއަކު ވިދާޅުވާ ވާހަކަފުޅަކުން އިލްމުވެރިންނަށް ބަސް ބުނެގެން ނުވާނެ- ހަޤީޤަތް ހޯދާ!: ޝައިޚް ޢަލީ ޒައިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ