އަބްދުﷲ ހަމީދު: ނަތީޖާ ނެރުއްވި މޮޅު ޝަހުސިއްޔަތެއް
އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1964 ވަނަ އަހަރު ހުޅުލޭގައި އެއާޕޯޓް ގާއިމް ކުރުމުގެ މަސައްކަތް ފެއްޓެވި އިރު އޭގެ އެންމެ އިސްވެރިއަކަށް ހުންނެވި އެއްބޭފުޅަކީ އިއްޔެ އަވަހާރަވި އަބްދުﷲ ހަމީދެވެ. އޭރުން ފެށިގެން ހަމީދުގެ ގައުމީ ހިދުމަތް އެއީ ނަމޫނާއެކެވެ. ހީވާގި ހިންގުންތެރިއެކެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ގިނަ އިދާރާތަކެއްގެ ވެރިއެއްގެ މަގާމުގައި ހުންނެވިއިރު ވެސް އެއިދާރާތައް ހަލުވި މިނެއްގައި ހިންގެވުމެވެ. އެއީ ހިދުމަތްތެރި ސަހުސިއްޔަތެކެވެ. ސަރުކާރުގައި ގައުމީ ހިދުމަތުގައި 52 އަހަރުގެ ހޭދަކުރެއްވި އިރު އެއް ފަހަރާ ގިނަ އިދާރާތަކެއް ހިންގެވި ގާބިލް ބޭފުޅެކެވެ. ވަޒީރުކަމުގައި އެޑިއުކޭޝަން މިނިސްޓުރީ ހިންގެވި އިރު ދިގު މުއްދަތެއްގައި އަތޮޅުތެރޭ ރަށްތަކުގެ ވެރިއެއްގެ ގޮތުން އެޓޯލްސް މިނިސްޓުރީ ހިންގެވި އެވެ. އަދި އެ މިނިސްޓްރީއާ ހަވާލުވެ ވަޑައިގެން ހުންނަވައި ޖަސްޓިސް މިނިސްޓްރީ ހިންގެވި އެވެ. އޭގެ އިތުރުން ހެންވޭރު އޮފީހުގެ ރައީސް ކަމާއި ދިވެހި ބަހާއިތާރީހަށް ހިދުމަތްކުރާ މަރުކަޒުގެ އިސްވެރިއެއްގެ މަގާމު ފުރުއްވައި ގިނަ ހިދުމަތްތަކެއް ކުރެއްވި އެވެ. އަދި އެ ނޫނަސް ދައުލަތުގެ ވަރަށް ގިނަ ވަޒީފާތަކެއް އަދާ ކުރައްވާފައިވެ އެވެ. ރައީސް މައުމޫންއާއި އަބްދުﷲ ހަމީދު-- ފޮޓޯ: ހަވީރުއަބްދުﷲ ހަމީދުގެ ހިދުމަތް އެންމެ ގާތުން ފެނިވަޑައިގެންފައިވާ އެއް ބޭފުޅަކަށް ވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިންނެވެ. އެ ދެ ބޭފުޅުން އެކީގައި 30 އަހަރު ވަންދެން ގައުމީ ހިދުމަތުގައި މަސައްކަތް ކުރައްވާފައިވާ އިރު މުހައްމަދު ހުސެއިން ވިދާޅުވީ އަބްދުﷲ ހަމީދަކީ އެއްފަހަރާ ގިނަ މުއައްސަސާތަކެއް ހިންގެވި، އެކި ބޭފުޅުންނާ މަސައްކަތް ހަވާލު ކުރައްވައިގެން ބަލަހައްޓަމުން ގެންދެވި، ވަރަށް "ހާއްސަ މޮޅު ކޮލެޓީއެއް،"ގެ ބޭފުޅެއް ކަމަށެވެ. އޭގެން އެއްވެސް ދިމާލެއް "އަތްދަށުން ފިރުކިގެން" ދިޔަ ނުދީ ނަތީޖާ ނެރުއްވި މޮޅު ސަހުސިއްޔަތެއް ކަމަށް މުހައްމަދުު ހުސެއިން ވިދާޅުވި އެވެ. "އޭރުވެސް އަޅުގަނޑަށް ފާހަގަ ކުރެވޭ ފާހަގަ ކުރެވުމެއް މިހިނގައި ދިޔަ ދިގު މުއްދަތުގެ ތެރޭގައި ވަކި ބަދަލެއް ނައިސް ފާހަގަ ކުރެވެމުންދިޔައީ ކޮންމެ މީހަކަށް ވެސް އެމީހަކަށް ހައްގު އިހްތިރާމް ލިބުމާއެކީ އެމީހަކާއި މަސައްކަތް ހަވާލު ކުރައްވައިގެން މަސައްކަތް ކުރައްވާނީ." ޅަދުވަހުގެ މަސައްކަތުގެ ހަނދާންތައް ހިއްސާ ކުރައްވަމުން މުހައްމަދު ހުސެއިން ވިދާޅުވި އެވެ. އަބްދުﷲ ހަމީދުގެ ހިދުމަތް ފާހަގަ ކުރެއްވެނީ ހަމައެކަނި ވަޒީރު ކަމުގައެއް ނޫނެވެ. އެމަނިކުފާނަކީ ރައްޔިތުން މަޖިލީހުގައި ވެސް އާދަޔާއި ހިލާފް ހިދުމަތްތެރިއެކެވެ. އެމަނިކުފާން 1961 ވަނަ އަހަރުން ފެށިގެން 43 އަހަރު ވަންދެން މަޖިލީހުގައި ހިދުމަތުގެ ތެރެއިން މަޖިލީހުގެ ރައީސް ކަމާއި ނައިބުކަން ދެ ފަހަރެއްގެ މަތިން ކުރެއްވި އެވެ. އަދި ހާއްސަ މަޖިލީހުގެ މެމްބަރު ކަމާއި ރައީސްކަން ވެސް ކުރެއްވި އެވެ. އަބްދުﷲ ހަމީދު ރައްޔިތުންގެ މަޖިލީހުގައި-- ފޮޓޯ: ހަވީރު"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އުފެދެމުން ފުޅާވަމުން އައިއައުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްދެއްވި މަޖިލީހުގެ ރައީސްއެއް އަދި ނައިބް ރައީސް އެއް އަދި މަޖިލީހުގެ ނައިބް ރައީސްއެއް [އެމަނިކުފާނަކީ]." މުހައްމަދު ހުސެއިން ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ މިހާރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބް ވިދާޅުވާ ގޮތުގައި އަބްދުﷲ ހަމީދަކީ މަޖިލީހުގެ ތެރެއިން ތަފާތު ހިޔާލުތަކަށް ފުރުސަތު ދެއްވާ ވަރަށް އަމާން ކަންމަތީ މަޖިލިސް ކުރިއަށް ގެންދެވި ބޭފުޅެއް ކަމަށެވެ. އަބްދުﷲ ހަމީދުގެ ފާހަގަކޮށްލެވޭ އަނެއް ސަހުސިއްޔަތަކީ ރަނގަޅު އާއިލާއެއް ބިނާ ކުރެއްވުމެވެ. އެމަނިކުފާނަށް 12 ބޭފުޅަކު ލިބިވަޑައިގަތް އެ ހުރިހާ ބޭފުޅުންނަކީ ވެސް ތައުލީމީ ގާބިލު އަދި ގައުމީ ހިދުމަތުގައި އުޅުއްވާ ބޭފުޅުންނެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ދައުލުގެ މަތީ މަގާމުތައް ވެސް ފުރުއްވައިފަ އެވެ. އެގޮތުން ހަމްދޫން އަބްދުﷲ ހަމީދަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރެއްވާފައިވާ ބޭފުޅެކެވެ. އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ. ހަމީދުގެ ބޭފުޅުންގެ ތެރޭގައި ޝާހީން ހަމީދާއި މައުމޫން ހަމީދަކީ މަޝްހޫރު ގާނޫނީ ވަކީލުންނެވެ. ޝާހީން ވަނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ. ހަމީދު އާއިލާ އާ އެކު -- އެމަނިކުފާނުގެ ދަރިކަނބަލުން ޑރ. ހާލާ ހަމީދަކީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަން ވެސް އަދާކުރައްވާފަ އެވެ. ހަމީދުގެ ބޭފުޅުންގެ ތެރެއިން ޑރ. ފާތިން ހަމީދު ވަނީ އަވަހާރަވެފަ އެވެ. އެ ކަމަނާ އަކީ ވެސް ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވުމުގެ އިތުރަށް ފިޝަރީޒު އެޑްވައިޒަރީ ބޯޑުގަ އާއި މިފްކޯގެ ޗެއާމަންގެ ގޮތުގައި މަސައްކަތް ކުރައްވައި ފިޝަރީޒު އިންޑަސްޓްރީ އަށް ގިނަ ހިދުމަތްތަކެއެއް ކުރައްވާފައިވާ ބޭކަނބަލެކެވެ. އިއްޔެ އުމުރުން 76 އަހަރުގައި އަވަހާރަވި އަބްދުﷲ ހަމީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެއްބަފާ ބޭބޭފުޅެވެ. އެމަނިކުފާނުގެ ހަށިކޮޅު މާދަމާ މާލެ ގެނެސް ރަސްމީ އިއްޔަތުގައި ފަސްދާނު ލުމަށް ވަނީ ނިންމާފަ އެވެ. އިއްޔެ އަޅުގަނޑުމެންނާއި ވަކިވެގެން ދިޔަ އަބްދުﷲ ހަމީދަކީ ހާއްސަ މޮޅު ސަހުސިއްޔަތެއްގެ ވެރިއެކެވެ. އެތައް މުއައްސަސާއެއްގެ ވެރިއެއްގެ މަގާމު އެއް ފަހަރާ ފުރުއްވަމުން ގެންދަވާފައިވަނީ ފޫހިކަމެއް ނެތް ގައުމީ ހިދުމަތުގައެވެ. އެމަނިކުފާނުގެ ހިދުމަތް މިއަދުވެސް ދިވެހި ގައުމުން އެދަނީ ފެނިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ