ހުސެއިން އަބްދުﷲ: ރާއްޖޭގެ ވިޔަފާރީގެ އެއް ތަނބު

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، ގައުމުގެ ނިޒާމުތަކަށް ގެންނެވި މުހިންމު އެއް ބަދަލަކީ ސަރުކާރުން ކުރަމުން އަންނަ ގިނަ ވިޔަފާރިތަކެއް ދޫކޮށްލެވުމެވެ. ކުރިން، އިމްޕޯޓް ކުރުމަކީ ސަރުކާރުން އެކަނި ކުރަމުންް އަންނަ ކަމެކެވެ. އެކަމަކު އިބްރާހިމް ނާސިރުގެ ވެރިކަމުގައި، 1970 ގެ ކުރީކޮޅު ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ކުންފުނި އުފެއްދުމުގެ ހުއްދަ ސަރުކާރުން ދިނެވެ. މި ހުއްދަ ފަސް މީހަކަށް ދިނެވެ.
ކޮވިޑް 19ގައި ބަލި ހާލު ބޮޑުވެގެން ރޭ އަވަހާރަވި މަރޮށީ ހުސެއިން އާދަމް (އެމްއެޗްއޭ) އޭރު ދިރިއުޅުއްވަމުން ގެންދެވީ މާލޭގަ އެވެ. މައިޒާންދޮށުގޭގައި އުޅުއްވަމުން، އޭނާ އާމްދަނީ ހޯއްދަވަން ކުރައްވަމުން ގެންދެވި އެއް މަސައްކަތަކީ ރޯމަސް ގަނެ ބޮޑު ސްޓޯރަށް ވިއްކެވުމެވެ. މިނޫނަސް އެހެން ބައެއް ކުދިކުދި ވިޔަފާރިތައް އޭނާ ކުރެއްވި އެވެ.
ކުންފުނި އުފެއްދުމުގެ ހުއްދަ އަށް ސަރުކާރުން އިއުލާން ކުރުމާ އެކު، ހުސެއިން އަބްދުﷲ ކުރެއްވި އެންމެ މުހިންމު އެއް ކަމަކީ ކުންފުންޏެއް އުފެއްދެވުމެވެ. އެ ހުއްދަ ފުރަތަމަ ލިބިވަޑައިގަތް ފަސް މީހުންގެ ތެރޭގައި ހުސެއިން ހިމެނިވަޑައިގަންނަވަ އެވެ. އޭނާ އުފެއްދެވީ އެމްއެޗްއޭ އެވެ. އެ ކުންފުންޏަށް މިހާރު 48 އަހަރުވީއިރު، މިހާރު އެއީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ވިޔަފާރި ކުންފުނި ވެސް މެ އެވެ. އެމްއެޗްއޭއަކީ ރާއްޖޭގެ ވިޔަފާރީގެ ބާޒާރުގައި އެންމެ ވަރުގަދަ އެއް ނަމެވެ. ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ވިޔަފާރި މުދާ އިމްޕޯޓް ކުރާ އެއް ތަނަކީ ވެސް އެމްއެޗްއޭ އެވެ.
ހުސެއިން އަބްދުﷲ އަކީ ކޮން ބޭފުޅެއް؟
މަރޮށީ ހުސެއިން ކަލޭފާނަކީ ށ. މަރޮއްޓަށް އުފަން ބޭފުޅެކެވެ. އޭނާ ވަނީ އެ ރަށުގެ ކަތީބުކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައިފަ އެވެ. ހުސެއިންގެ ބައްޕަ އަކީ ރަށުގެ ކަމުވޮށިގެންވާ ބޭފުޅަކަށް ވެފައި، އެންމެ ދޮށީ ބޭފުޅާ ކަމަށް ވާތީ ހުސެއިން އަކީ ރަށުގައި ވެސް މުހިންމު ބޭފުޅެކެވެ. އެކަމަކު ކަތީބު ކަމުގައި ހުންނަވަނިކޮށް ޖެހުނު މައްސަލަގަނޑެއްގެ ތެރޭގައި އޭނާ ބަދަލުވެ ވަޑައިގަތީ މާލެ އަށެވެ. އެހެން އުޅުމުގެ ތެރޭގައި އެކިއެކި މަސައްކަތްތައް ކުރައްވަން ފެއްޓެވި އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ހުސެންބެ އަށް ވިޔަފާރި ފަށަން އެންމެ ބޮޑު އެހީއެއް ވެދެއްވި ބޭފުޅަކީ ރީފް ސައިޑް އަހުމަދު ޒާހިރުގެ ބައްޕަ. އޭނާ ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވައިގެން ހުސެއިންބެ އަށް ފިހާރައެއް [އެމްއެޗްއޭ] ހިންގޭ ގޮތް ފެށުނީ،" ހުސެއިން އަށް ބޮޑުބޭބެ ވިދާޅުވާ، އަދި ހުސެއިންގެ އަރިހުގައި ވިއްސަކަށް އަހަރު ވަޒީފާގައި އުޅުއްވި މުހަންމަދު ފައުޒީ ވިދާޅުވި އެވެ.
އެމްއެޗްއޭ ފެށިގެން އައިސް، ވޭތުވެދިޔަ މުއްދަތުގައި ރާއްޖޭގެ ބާޒާރުގައި އެންމެ ވަރުގަދަ އެއް ވިޔަފާރި އަށް ބަދަލުކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ހުސެއިންް އެވެ. އެމްއެޗްއޭގެ ތަރި އަރައިގެން އައިއިރު އެ މަންޒަރު އެންމެ ކައިރިން ދެކެވަޑައިގެންނެވި އެއް ބޭފުޅެއް ކަމަށްވާ ފައުޒީ ވިދާޅުވި ގޮތުގައި، އަގު ހެދުމުގަ އާއި މުދާ ވިއްކެވުމުގައި ހުސެއިން އަކީ ނަމޫނާ އެކެވެ.
"މުދަލަށް އެކި ހަރަދުތައް ހިމަނައިގެން ފައިދާގެ ޕަސެންޓެއް ހުސެންބެ ލައްވާނެ. އެކަމަކު މީގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ބާޒާރުގައި އެ އެއްޗެއްގެ ޑިމާންޑް ބޮޑުވެގެން ދިޔަޔަސް ދުވަހަކު ވެސް ނެތް އޭގެ އަގު ބޮޑުކޮށްގެން ވިއްކައިފައެއް. އެއީ ހުސެއިންބެ ފަރާތުންް އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ ރަނގަޅު އެއް ސިފަ،" ފައުޒީ ވިދާޅުވި އެވެ.
"ހުސެއިންބެގެ ސިޔާސަތަކީ ދަރަންޏެއް ބާއްވައިގެން ނުވާނެ. މަކަރެއް ހަދައިގެން ނުވާނެ."
މާލޭގެ ބާޒާރުގައި ނުފޫޒުގަދަ ލިލީ ސްޓޯރުގެ ވެރިޔާ މައްލާ އަހުމަދު ނާސިރު (ނާބެ) ވިދާޅުވި ގޮތުގައި ހުސެއިން އަކީ ވިޔަފާރީގެ އަޚުލާގުތަކެއް ހިފަހައްޓަވައިގެން ވިޔަފާރި ކުރެއްވި ބޭފުޅެކެވެ. އަދި ވިދާޅުވީ އެއީ ހިތްހެޔޮ، އިލާސްތެރި ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބާޒާރަށް ވަތް އިރު ވެސް ހުސެއިން އަބްދުﷲ މެން އުޅުއްވާނެ. އެއީ ވިޔަފާރީގެ ވަރުގަދަ ނަންނަން އޭރު ވެސް،" ނާބެ ވިދާޅުވި އެވެ.
އެމްއެޗްއޭ ކާމިޔާބު ވިޔަފާރިއަކަށް ބަދަލުކޮށްލުމުގައި ހުސެއިންގެ ވަރަށް ގިނަ ވާހަކަތަކެއް، އަދި ވަރަށް ގިނަ ހަނދާންތަކެއް ވެ އެވެ. އޭގެ ތެރެއިން ބައެއް ހަނދާންތައް ފައުޒީ އާ ކުރެއްވި އެވެ.
"އަޅުގަނޑަކީ ހުސެންބެގެ ގޭގައި އުޅެ ބޮޑުވެ ހުސެންބެގެ ވިޔަފާރީގެ ތެރޭގައި ވެސް އުޅުނު މީހަކަށް ވެފައި، ހުސެންބެ އާ އެކު ރާއްޖެ އިން ބޭރަށް ވެސް އެތަކެއް ދަތުރުތަކެއް ކުރެވިފައި ހުރި މީހަކަށް ވާތީ ވަރަށް ގިނަ ކަންކަން ވަނީ ފެނިފައި. މަސް ވިއްކެއިރު ތެލިތައް ވެސް ދޮންނަވާނެ. އެ މަސައްކަތުގައި އުޅުއްވާނެ އަނބިކަނބަލުން ވެސް. ފިހާރައިގައި ސޭޓްކަން ކުރައްވާނެ. މުދާ އުފުއްލަވާނެ،" އޭނާ ވިދާޅުވި އެވެ.
"ރާއްޖެ އިން ބޭރަށް ވަޑައިގެންފައި ވެސް ރައްޓެހިން ތަންތަނަށް ދާއިރު ބުނާނެ ކަލޭމެން ދާށޭ. ތިމަންނަ ނުދާނަމޭ. ވަރަށް އަޅުވެރި ވާނެ. ވަރަށް ގޮތެއްގައި ހުންނަވާނެ،" ފައުޒީ ވިދާޅުވި އެވެ.
ހުސެއިންގެ ތިބެނީ އެއްބަނޑު އެއްބަފާ 11 ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ އަވަހާރަވެފަ އެވެ. ދީނީ މައުލޫމާތު ފެތުރުއްވުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޝެއިޚު އުސްމާން އަބްދުﷲ އަކީ ވެސް ހުސެއިންގެ ކޮއްކޮ އެކެވެ. ހުސެއިން އަކީ ފައުޒީ ވިދާޅުވި ގޮތުގައި، އެއްބަނޑުއެއްބަފާ މީހުންނަށް ނަމޫނާ އެވެ. އަދި ބޮޑުބޭބެ ވިދާޅުވާ ހުރިހާ އެންމެންނަށް ވެސް ވަރަށް ނަސޭހަތްތެރިވެ ވެވަޑައިގެންނެވި، އަދި ހިތްޕުޅު ހެޔޮ ބޭފުޅެކެވެ.
ރާއްޖޭގެ ވިޔަފާރި ބަދަލުކޮށްލި އެކެއް
ނާބެ ވިދާޅުވި ގޮތުގައި، ހުސެއިން އަކީ ރާއްޖޭގެ ވިޔަފާރި މި ޖީލަށް ފޯރުކޮށްދެއްވުމުގައި މުހިންމު އަދި ބުރަ މަސައްކަތްތަކެއް ކުރެއްވި އެއް ބޭފުޅާ އެވެ. އަދި މާލޭގެ ބާޒާރުގައި އަގުތައް ހިފެހެއްޓެވުމުގަ އާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދެއްވުމުގައި އަގު ނުކުރެވޭ ވަރުގެ ހިދުމަތްތަކެއް އޭނާ ކުރެއްވިކަން ނާބެ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ވިޔަފާރި މިހާރު މިއޮތް ގޮތަށް މި އައީ އެ މީހުންގެ ސަބަބުން. ހުސެއިން އަކީ ހަގީގަތުގައި ވެސް މީހަކާ މައްސަލައެއް ނުޖެހޭ ވަރަށް އަހުލާގު ރަނގަޅު އަދި ހިތްހެޔޮ ބޭފުޅެއް،" ނާބެ ވިދާޅުވި އެވެ.
"ވިޔަފާރީގެ ވަރުގަދަ ބޭފުޅެއް އަވަހާރަވެގެން އެ ދިޔައީ."
މާލޭގެ ބާޒާރުމަތި އުފެދި، މިހާރު ކުރަމުން އެ ގެންދާ ގޮތަށް ހޯލްސޭލްކޮށް ވިޔަފާރި ފެށުމުގައި އުޅުއްވި އެއް ބޭފުޅަކީ ވެސް ހުސެެއިން އެވެ. ޒަމާނުއްސުރެ ރާއްޖޭގައި ސަރުކާރުން ވިޔަފާރި ކުރަމުން އައި އައުން ނިމުމަކަށް އައިސް އާންމު ވިޔަފާރިތަކަށް މިގޮތަށް ހުޅުވިގެން ދިއުމުގައި ހުސެއިންް އާއި އޭރު އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވަނީ ވަރަށް ބޮޑު ގުރުބާނީތަކެއް ވެ ވަޑައިގެންފަ އެވެ. ރާއްޖެ އިން ބޭރަށް ވަޑައިގެން ރާއްޖެ އާ ގުޅޭ އުފެއްދުންތައް ހޯއްދަވައި އާންމުންނާ ހަމައަށް އެ ތަކެތި ފޯރުކޮށްދެއްވުމުގައި، ހުސެއިން ވެސް ހިމެނޭ ގޮތަށް ދިވެހި އޭރުގެ ވިޔަފާރިވެރިން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެކަމަކު އެ އެންމެންގެ ތެރެއިން ވެސް ހުސެއިން އަކީ ވަރުގަދަ ނަމަކަށް އޮތީ ވެފަ އެވެ.
އިޖުތިމާއީ ހިދުމަތް: ނުލިޔެ ދޫކޮށްލެވޭކަށް ނެތް!
ހުސެއިން އަބްދުﷲ ނަމޫނާ އަކަށް ވަނީ ހަމައެކަނި ވިޔަފާރީގައި އެކަންޏެއް ނޫނެވެ. އޭނާ އަކީ، އިޖުތިމާއީ ޚިދުމަތުގަައި ވެސް ނަމޫނާ ބޭފުޅެކެވެ. އުފަން ރަށް، މަރޮއްޓަށް އޭނާ ވަނީ ވަރަށް ގިނަ ހިދުމަތް ކުރައްވައިފަ އެވެ.
އޭނާގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، 2011 ވަނަ އަހަރު ސަރުކާރުން ވަނީ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެ ލަގަބު ވެސް އަރުވައިފަ އެވެ. މި ލަގަބާ އެކު ރައީސް އޮފީހުން އޭރު އާންމުކޮށްފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުގައި ހުސެއިންގެ އާމްދަނީން އެންމެ ބޮޑު ހޭދައެއް ކުރައްވާފައި ވަނީ ވެސް މަރޮއްޓަށެވެ.
"ރަށުގައި ހުރި މައުލޫދު ހަރުގޭގައި، އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކުދިންނަށް ކިޔަވައިދެއްވަން ފެށްޓެވިއެވެ. ފުރަތަމަ ދަސްކޮށްދެއްވީ ދީނީ ކަންތައްތަކެވެ. އޭގެއިތުރުން، އުރުދޫބަސް ވެސް ކިޔަވައިދެއްވިއެވެ. އަދި 11 ނޮވެމްބަރ 1979 ގައި އެންމެ ތިން މުދައްރިސުންނާއެކު، [އަލްމަދްރަސަތުލް މުނައްވަރާ]ގެ ނަމުގައި އެމަނިކާނުގެ އަމިއްލަ ގޭގައި ރަށުގެ ދަރިންނަށާއި، އަތޮޅުގެ ދަރިންނަށް އެ ސްކޫލްގެ ހިޔާވަހިކަން ފޯރުއްވައިދެއްވަން ފެށްޓެވިއެވެ. މުޅިން ހިލޭ ސާބަހަށެވެ.،" ރައީސް އޮފީހުން ބުނެފައި ވެ އެވެ.
"1980ގެ އަހަރުތަކުގެ ތެރޭގައި، ޒަމާނާ ގުޅޭގޮތަށް ސްކޫލް ތަރައްގީ ކުރެއްވި އެވެ. އެގޮތުން 10 ކްލާސްރޫމާއި، ހޯލަކާއި، އޮފީސް އިމާރާތެއް ބިނާކުރެއްވި އެވެ. އެ މަދަރުސާގެ ދަރިވަރުން، 1998 ވަނަ އަހަރު ފުރަތަމަފަހަރަށް ޖީސ.އީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވިއެވެ."
Hussein Abdulla. Many knew him as a businessman, a philanthropist, a Katheeb. For me, he was a teacher who helped countless people pursue their education. His one message I've heard all my life was: "Study. Read!". On behalf of everyone you've helped: Thank you, my dear uncle. pic.twitter.com/GcXq5ElO5Y— Sofwan Ahmed (@SofwanAhmet) May 13, 2020
މީގެ އިތުރުން ށ. އަތޮޅުގެ ކޮންމެ ރަށަކުން ކުއްޖަކާއި، ބިލެތްފަހިންނާއި މަރޮށިން، ދެ ކުދިން ގުރްއާން ހިތުދަސްކޮށް، ގާރީކަމުގެ ސަނަދު ހޯދުމަށް ޕާކިސްތާނަށް ފޮނުއްވި އެވެ. އޭގެ އިތުރުން، ރާއްޖެއިން ބޭރަށް ތަޢްލީމު ހާސިލުކުރުމަށް ދިޔުމަށް ބައެއް ކުދިންނަށް އެހީތެރިކަން ވެސް ދެއްވި އެވެ. އޭގެތެރެއިން ބައެއް ކުދިން މަދީނާ ޔުނިވާސިޓީންނާއި، ރިޔާޒު ޔުނިވާސިޓީން ތައުލީމު ހާސިލުކުރި އެވެ.
"މިހާރު ވެސް ލަންޑަނުގައި ތިން ކުދިން، މެލޭޝިޔާގައި ހަތަރު ކުދިން، ހުސައިން ކަލޭފާނުގެ ހަރަދުގައި ތަޢްލީމު ހާސިލު ކުރަމުން އެބަގެންދެއެވެ. މަރޮށީގެ ދެ ކުދިން އެމެރިކާ އަށް ފޮނުއްވައިގެން ޕައިލެޓްކަން ދަސްކޮށްދެއްވި އެވެ. އަދި ބޭސްފަރުވާގެ ގޮތުން އެހީއަށް އެދިގެން އަންނަ ފަރާތްތަކަށް އެހީވެދެއްވާފައިވެއެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
މީގެ އިތުރުން ރަށުގެ އިޖުތިމާއީ ކަންކަމުގައި ވެސް ހުސެއިން ބައިވެރިވެ ވަޑައިގެން އެހީތެރިކަން ފޯރުކޮށްދެއްވި އެވެ.
ސަރުކާރުން ވަނީ ޖަމާއަތަށް ހިދުމަތް ކުރުމުގެ ރޮނގުން 1992 ގައި އޭނާ އަށް އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވައިފަ އެވެ. އަދި 2005 ވަނަ އަހަރު އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވެސް އޭނާ އަށް ސަރުކާރުން އެރުވި އެވެ.
ހުސެއިން ފަހު ދުވަސްކޮޅު
އުމުރުން 88 އަހަރުގައި ހުސެއިން އަވަހާރަވުމުގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާގެ އަނބިކަނބަލުން އައިމިނަތު އާދަމް، 83، ވަނީ އަވަހާރަވެފަ އެވެ. އޭނާ ވެސް އަވަހާރަވީ ހަމަ ކޮވިޑް ބަލީގަ އެވެ. މިއީ މި ބަލީގައި ރާއްޖޭގައި ދެމަފިރިއަކު އަވަހާރަވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ އެކު، އޭގެ އެންމެ ބޮޑު ޝިކާރައަކަށް ވެގެން ދިޔަ އެއް ތަނަކީ ވެސް އެމްއެޗްއޭ އެވެ. އެންމެ ބޮޑެތި ކްލަސްޓާތަކުގެ ތެރޭގައި އެމްއެޗްއޭ ހިމެނެ އެވެ. މި ބައްޔާ ގުޅިގެން ހުސެއިން ދިރިއުޅުއްވާ ގެ ވަނީ ކަރަންޓީނުކޮށްފަ އެވެ. ހުސެއިންގެ އަނބިކަނބަލުންނަށް ވައިރަސް އެރީ އެ ގޭގެ އެހެން ބުރިއެއްގައި އުޅޭ އެމްއެޗްއޭގެ މުވައްޒަފަކާ ކޮންޓެކްޓްވި ފަހުންނެވެ.
ހަޔާތުގެ ފަހު ބައި ހުސެއިން ހޭދަކުރެއްވީ ބަލި އެނދުގަ އެވެ. ހުސެއިން އާއި އަނބިކަނބަލުންނަށް އެއްވެސް ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެ އެވެ. އަދި ކުރެއްވި އޮޕަރޭޝަނަކާ ގުޅިގެން ހުސެއިން އަށް މީގެ އަށެއްކަ އަހަރު ކުރިން ހިންގަވާ އުޅުއްވުން ވަނީ ނުކުޅެދިފަ އެވެ. އަދި މީގެ އަހަރުތަކެއް ކުރިން ކަންފަތަށް އިވުމުގެ މައްސަލަތައް ކުރިމަތިވެ، މީހުންނާ މުއާމަލާތް ކުރައްވަން ޖެހިވަޑައިގެންފައި ވަނީ ލިޔެކިޔުމުންނެވެ. އެހެންވެ، ވިޔަފާރީގެ ކަންތަކުގައި ވެސް ހަރަކާތްތެރިވެ ވަޑައިނުގަންނަވާތާ މިހާރު ވަނީ އަހަރުތަކެއް ފާއިތުވެފަ އެވެ. އެމްއެޗްއޭގެ ކަންކަން ހިންގަވަނީ ހުސެއިން އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅުންނެވެ.
"ހިތްހެޔޮ، ވަރަށް ރަނގަޅު ބޭފުޅެއް އެ ގެއްލިގެން ދިޔައީ. ސިއްހަތު ސަލާމަތުން ހުރި އިރު އުމުރާ އަށް ވެސް ކޮންްމެ އަހަރަކު ވަޑައިގަންނަވާނެ ކޮންމެ ވެސް ބޭފުޅަކު ގޮވައިގެން،" ފައުޒީ ވިދާޅުވި އެވެ.
"ދަރަންޏެއް ނުބާއްވަވާނެ. މީހުންނަށް އެހާ ހެޔޮވާނެ. މީހަކު ކަމަކު އެދިއްޖިއްޔާ އެކަމެއް ކޮށްދެވޭތޯ ބަލާނެ."
ހުސެއިން އަބްދުﷲ އަކީ އާދައިގެ ނަމެއް ނޫނެވެ. އަމިއްލަ ރަށް، މަރޮއްޓަށް ގެއްލިގެން އެ ދިޔައީ އެ ރަށުގެ އެންމެ ބޮޑު ހިދުމަތްތެރިޔާ އެވެ. ވިޔަފާރިވެރިންނަށް ގެއްލިގެން އެ ދިޔައީ ބާޒާރުގެ އެއް ތަނބެވެ. ތިމާގެ މީހުންނަށް ގެއްލިގެން އެ ދިޔަައީ ހިތްތިރި ބަފައެކެވެ. ގައުމަށް ގެއްލިގެން އެ ދިޔައީ އަގުބޮޑު ޝަޚުސިއްޔަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ