ރައީސަށް ޑރ. ދީދީ: ޝަރުއީ ދާއިރާގެ މިނިވަންކަން ނިޒާމުގެ ތެރެއިން ގެއްލުވާލީ މަނިކުފާނުގެ ސަރުކާރުން!

ޝަރުއީ ދާއިރާ އިސްލާހު ކުރަނީ ހެޔޮ ނިޔަތުގައި ކަމަށާއި ފަނޑިޔާރުގެއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން އެވާހަކަފުޅުތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެއެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މަގާމުން ވަކިކުރި ފަހުން ޑރ. އަހުމަދު އަބްދުﷲ ދީދީ އާންމުކޮށް އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.
ޑރ. އަހުމަދު އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސްގެ އެވާހަކަފުޅަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި އޮތް ޖުޑީޝަރީގެ މިނިވަންކަން ނިޒާމުގެ ތެރެއިން ގެއްލުވާލީ ރައީސް ސޯލިހުގެ ސަރުކާރުންކަން އެމަނިކުފާނަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް އެ މައައްސަސާތަކަށް ހުރަސް އެޅުން ހިމެނޭ ގޮތަށް 15 ކަމަށް ރިއާޔަތްކޮށް ޑރ. އަހުމަދު އަބްދުﷲ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ނަމަވެސް ޖޭއެސްސީގެ އެ ނިންމުން ބަލައިނުގަން ޑރ. ދީދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޖޭއެސްސީން އެކަން ހިންގާފައިވަނީ އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެ ފަހުބަސް ބުނާ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިފައިވާ ދުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ނަގައިގެން ކަމަށެވެ.
އޭގެ އިތުރުން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ހުށަހެޅީ ގާނޫނުއަސާސީން ލިބިދީފައި ނެތް ބާރުތަކެއް އަމިއްލައަށް ލިބިގަނެ، ތައައްސުފީ ގޮތެއްގައި، ގާނޫނީ އަދި ދުސްތޫރީ އެއްވެސް ހަމައަކަށް ބޯލެނބުމެއް ނެތި، ގަދަބަދަވިކަމާއި ގަދަބާރުން ހިތުހުރި ގޮތެއް ހެދުމުގެ އުސޫލުން ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް އޭގެ ހަތަރު ދުވަސް ފަހުން، ނޮވެމްބަރު 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑރ. ދީދީ މަގާމުން ވަކިކުރަން ފާސްކުރިއެވެ. އެކަމަށް ތާއީދުކޮށް 69 މެންބަރުން ވޯޓު ދެއްވިއިރު އުއްތަމަ ފަނޑިޔާރު ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ