ޝިމާގެ މައްސަލަ މަރު ކޮމިިޝަނުން ބެލުމަށް ފޮނަދޫ ދާއިރާގެ މެންބަރު ގޮވާލައްވައިފި

މަރު ކޮމިޝަންގެ މެއިންޑޭޓް ފުޅާކޮށް، ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާއެއްގައި ގެއްލުނު ކަމަށް ބުނާ، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ އިރާކޮޅު ލ. ފޮނަދޫން ފުރައިގެން މާމެންދުއަށް ދަތުރު ކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ކަމަަށްބުނާ އުމުރުން 19 އަހަރުގެ ޝިމާ ހޯދުމަށް ފުލުހުންނާއި ސިފައިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މިއަދާ ހަމައަށް އޭނާ ހޯދިފައެއް ނުވެއެވެ. އެ މައްސަލައިގައި އެ ޑިންގީ ދުއްވި އިބްރާހިމް ފަޒީލު ހައްޔަރު ވެސް ކުރިއެވެ.
ފަޒީލު ކުރިން ބުނެފައިވާ ގޮތުގައި ގާދޫ ކަނޑުއޮޅިއަށް ޑިންގީ ބަންޑުން ޖަހާލުމުން އޭނާ ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓަށް ފަތާފައި ގޮސް އަރައިގެންނެވެ. ސިކްސް ސެންސަސް ރިސޯޓުގައި ތިބި މީހުންނަށް ޑިންގީ ބަންޑުން ޖަހާލި ހަބަރު ދިނުމުން ޝިމާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުންނާއި ރިސޯޓުގެ އިތުރުން އަތޮޅުގެ ރަށްރަށުން ފެށިއެވެ. ނަމަވެސް މިހާތަނަށްވެސް ޝިމާގެ އެއްވެސް ހަބަރެއް ނުވެއެވެ.
އެ ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިންނާއި ބައެއް މީހުން ފަޒީލަށް ތުހުމަތުތަކެއް ކުރެއެވެ. ނަމަވެސް އޭނާ ބުނެފައިވަނީ ޝިމާ ސަލާމަތް ކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި ކަމަށެވެ. އޭނާ ފަތާފައި ރިސޯޓާއި ދިމާއަށް ދިޔައީ ޝިމާ އަތަށް ފޯނަކާއި ފެންމަތީގައި އޮތުމަށްޓަކައި ހަމެއް ދީފައި ކަމަށް ތަހުގީގުގައި ފަޒީލު ބުނެފައިވެއެވެ.
އޭގެ ފަހުން ޝިމާގެ އެއްބަނޑުއެއްބަފާ އަންހެން ކޮއްކޮ ޑިންގީއަކަށް އަރުވައިގެން ދެ ފިރިހެނުންނާއެކު ފަޒީލު ދަތުރުކުރަމުން ދަނިކޮށް ފުލުހުން ގޮސް ވަނީ ހިފަހައްޓައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ މޫސާ ސިރާޖު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، "ޝިމާ ގެއްލުނުތާ މިއަދަށް އަހަރުވެގެން ދިޔަ އިރު އެކަށީގެންވާ ގޮތަށް ތަހުގީގު ނުހިނގާކަމާއި، ތަހުގީގުގެ މައުލޫމާތު އާއިލާއަށް އެކަށީގެންވާ މިންވަރަށް ދެމުން ވެސް ނުދާކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އަދި މަރު ކޮމިޝަނުގެ މެންޑޭޓް ފުޅާކޮށް ސިމާގެ މައްސަލަ ތަހުގީގު ކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކެން،" ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މޫސާ ސިރާޖު މިހެން ވިދާޅުވެފައިވާއިރު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭރު ވިދާޅުވީ، ޝިމާ ނާފިޒުގެ މައްސަލަ އަކީ އެކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ.
އެ ކޮމިޝަނުން ތަހުގީގު ކުރަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 2018 ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަރާލާފައިވާ މީހުންގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ