މުޅި ޖީލަށް މައުމޫނުގެ ވެރިކަމުގައި އަނިޔާދިން، އެއާލާއިން އަނިޔާގެ ވާހަކަދެއްކީމަ އަޑުއަހަން އުނދަގޫ: ރައީސް ނަޝީދު

މިގައުމުގެ މުޅި ޖީލަށް، ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި އަނިޔާ ދީފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސް މައުމޫނުގެ ދަރިކަނބަލުން، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ކުރެއްވި ޓުވީޓަކާ ގުޅިގެން، ރައީސް ނަޝީދުގެ ތިމާގެ ބޭފުޅުންނާއި ދުންޔާ އާ ދެމެދު ސޯޝަލް މީޑިޔާގައި އުފެދުނު ދެބަސްވުން ތަކަކާ ގުޅިގެންނެވެ.
މައްސަލަ ޖެހުނު ޓުވީޓުގައި ދުންޔާ ވިދާޅުވީ، ކޮންމެ ރައީސަކުވެސް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން އޭގެ ކުރިން ހުންނަވާ ރައީސަކު ޖަލަށް ލާ ކަމަށެވެ. މިކަން ހުއްޓޭނީ ކޮން އިރަކުންތޯ، ވެސް ދުންޔާ ސުވާލު ކުރައްވާފައި ވެއެވެ.
ދުންޔާ މި ޓުވީޓު ކުރައްވާފައިވަނީ މިހާރު، ޖަލަށް ލާފައި ވަނިކޮށް، އާލާސްކަންފުޅެއް ކުރިމަތިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައި އޮތް އެކަމަނާގެ ބޮޑުބޭބޭފުޅު، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ބިނާކުރެއްވި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ބިލްޑިންގުގެ ފޮޓޯއަކާ އެކީގައެވެ.
ދުނިޔާ ކުރެއްވި މި ޓުވީޓާ ގުޅިގެން ފުރަތަމަ ރައްދު ދެއްވީ، ރައީސް ނަޝީދާއި ދެބޭންގެ ދެދަރި ބޭފުޅެއް ކަމަށްވާ، ނަޒީ އަހުމަދެވެ. ނަޒީ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޮ އެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބި ކަނބަލުންނެވެ.
އޭނާ ވިދާޅުވީ، ކޮންމެ ރައީސެކޭ ދުންޔާއަށް ވިދާޅު ނުވެވޭނެ ކަމަށާއި، ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް މައުމޫން ޖަލަށް ގެންދަވާފައި ނުވާ ކަމަށެވެ.
ނަޒީއަށް ޖަވާބު ދެއްވަމުން ދުންޔާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކޮމިޝަންތައް ހައްދަވައިގެން، ރައީސް މައުމޫނަށް ޓޯޗާކުރެއްވި ކަމަށާއި، ފުލުހަށް ވެސް ގެންދެވި ކަމަށެވެ. އަދި އެކަން ހަނދާން ނެތްތޯ ދުންޔާ ސުވާލު ކުރެއްވި އެވެ.
ދުންޔާގެ އެ ޓުވީޓަށް ރުޅިވެރިކަމާއެކު ދެން ރައްދު ދެއްވަން ފެއްޓެވީ ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ މުހައްމަދު ނަޝީދެވެ.
މީރާ ވިދާޅުވީ، ރައީސް މައުމޫންގެ ހަނދާން އާވާނީ އެތައް ބަޔަކަށް އަނިޔާ އާއި މުސީބާތް ޖެއްސި ވެރިއެއްގެ ގޮތުގައި ކަމަށެވެ.
މީރާގެ މި ޓުވީޓާ ގުޅިގެން ދުންޔާއަށް ރައްދު ދެއްވައި، ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސް މައުމޫން ވެރިކަމުގައި ހުންނަވައިގެން މި ގައުމުގެ ޖީލަކަށް އަނިޔާ ދެއްވާފައިވާ ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަނީ އަނިޔާގެ ވާހަކަ ނުދައްކަވައި، ރައީސް މައުމޫނުގެ އާއިލާ މަޑުން ތިއްބެވުން ކަމަށް ވިދާޅުވެ، ރަނގަޅު ގޮތަކީ ދަރިން ރުޅި ނޭރުވުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ