މިނިސްޓަރު އުމަރު ގަބޫލުކުރައްވާ ގޮތުގައި ނާޒިމަކީ "ހީރޯއެއް". އޭނާގެ ފަރާތުން ހޯދީ އާ ހެއްކެއް ނަމަ މައްސަލަ އަލުން ތަހްގީގްކޮށް، ދައުލަތުގެ ބޮލުގައި އަޅުވާފައިވާ ބަދުނާމުން ސަލާމަތްވާންޖެހޭ ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވާ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ފުލުހުންނަށް ކުރިން ހޯދިފައި ނުވާ އާ ހެއްކެއް ނަމަ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަ އަލުން ތަހްގީގްކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ހުކުމަކީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަން ސާބިތުކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި، ނާޒިމްގެ ވަކީލުން ވިދާޅުވެފައި ވަނީ "ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލް ވެއްދި މީހާ ހޯދިފައިވާ" ކަމަށެވެ.
އުމަރު ވިދާޅުވީ "އަޅުގަނޑު އަދިވެސް ދެކެނީ ނާޒިމަކީ ހީރޯއެއް" ކަމަށެވެ. އެކަމަކު "ހީރޯއަކު ވެސް ކުށެއްކޮށްފި ނަމަ އެއީ އަދި އެހެން ކަމެއް" ކަމަށް އުމަރު ވިދާޅުވި އެވެ.
ސަރުކާރުގެ ބޮލުގައި އެ ބަދުނާމް އޮންނާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް ނުހޯދޭ އިތުރު ހެއްކެއް ނުވަތަ ހެކިބަހެއް އެ ބޭފުޅުންނަށް ލިބިގެން އެ އެއްޗަކީ އަޅުގަނޑުމެންގެ ތަހްގީގަށް ބޭނުންވާ އެއްޗެއް ކަމަށް ވަންޏާ ފުލުހުން އަލުން އެކަން ތަހްގީގްކޮށްދޭނަން. --އުމަރު
ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ ފުލުހުން ތަހްގީގްކުރަން ޖެހޭ ވަރުގެ ކަމަކަށް ވެއްޖެ ނަމަ، އުމަރު ވިދާޅުވި ގޮތުގައި، ފުލުހުން އިސްވެ އެކަމެއް އަލުން ތަހްގީގްކުރާނެ އެވެ. ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލް ވެއްދި މީހާ ހޯދިފައިވާ ކަމަށް ވާހަކަ ދެކެވޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ތެދެއް ނަމަ، އެކަން ތަހްގީގްކުރަން ބޭނުންވާ ކަމަށެވެ.
"ކޮބައިތޯ އޭނަ [ފިސްތޯލަ ވެއްދި ކަމަށް] އެ ބުނާ އެއްޗަކަށް ބާރުދޭ ހެއްކަކީ. ކޮބައިތޯ އޭގައި ގުޅުން ހުރި އެވިޑެންސްތަކަކީ. ފުލުހުން ތަހްގީގްކުރަން ޖެހިއްޖެ ނަމަ އަލުން ތަހްގީގްކުރާނަން އެ ކޮމްޕޯނަންޓް،" އުމަރު ވިދާޅުވި އެވެ.
ނާޒިމްގެ ވަކީލުންގެ ޓީމުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލަ ވެއްދި މީހާ ހޯދިފައިވާ ކަމަށް ވަކީލުން ވިދާޅުވޭ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްވެސް މީހަކަށް އިންސާފުން ބޭރުގައި ކަންކަންވާ ކަމަށް ސަރުކާރުން ބޭނުމެއް ނުވެ އެވެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރުކަމާއި އެހެން ގިނަ ހިދުމަތްތައް ދައުލަތަށް ކުރައްވާފައިވާ ނާޒިމްގެ މައްސަލައަކީ ސަރުކާރަށް ތުހުމަތުތަކެއް ކުރާ މައްސަލައަކަށްވާއިރު ސަރުކާރު ބޮލުގައި އެ ބަދުނާމު އޮންނާކަށް ބޭނުމެއް ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު އެ އިޝާރާތްކުރެއްވީ ފުލުހުން ލައްވައި ނާޒިމްގެ އެޕާޓްމެންޓަށް ފިސްތޯލް ވެއްދީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށް ކުރާ ތުހުމަތަށެވެ.
"ސަރުކާރު ބޮލުގައި އެ ބަދުނާމް އޮންނާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް ނުހޯދޭ އިތުރު ހެއްކެއް ނުވަތަ ހެކިބަހެއް އެ ބޭފުޅުންނަށް ލިބިގެން އެ އެއްޗަކީ އަޅުގަނޑުމެންގެ ތަހްގީގަށް ބޭނުންވާ އެއްޗެއް ކަމަށް ވަންޏާ ފުލުހުން އަލުން އެކަން ތަހްގީގްކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ދަށު ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ނާޒިމް މިހާރު ހުންނެވީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ނާޒިމް ހޯދީ އާ ހެއްކެއް ނަމަ މައްސަލަ އަލުން ތަހްގީގްކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ