ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީ ރަނގަޅު ނަމަ، ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބަށް އެއްބާރުލުން ދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަދި ވޯޓާސް ރަޖިސްޓްރީގައި މައްސަލައެއް ނެތް ނަމަ ހޮނިހިރުދުވަހު އިންތިޚާބު ބޭއްވުމަށް އެއްބާރުލުން ދޭން ތައްޔާރު ކަމަށެވެ. އަދި އެގޮތަށް އެކަން ވެއްޖެ ނަމަ ގައުމުގައި ހަމަޖެހުން ގާއިމްވެގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިންތިޚާބު ބާއްވާއިރު މޮނީޓަރުންނާއި އޮބްޒާވަރުންނަށް ވޯޓުލާ ސަރަހައްދުގައި ހިނގާ ކަންކަން ރަނގަޅަށް ބެލޭނެ އިންތިޒާމް ގާއިމްކޮށް ދިނުމަށް ގާސިމް ގޮވާލެއްވި އެވެ.
"ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް އެކަން ކުރެވޭ ކަމަށް ވަންޏާ، ޚާއްސަ ގޮތެއްގައި މިހާރު އަޅުގަނޑުމެން އެންމެ ބޮޑަށް ބަލައިލަން ބޭނުންވެފައި މިއޮތް ކަމަކީ ވޯޓާސް ރަޖިސްޓްރީގެ މައްސަލަ. އެ ލިސްޓުތައް އަޅުގަނޑުމެން ބަލައި ޗެކްކުރާއިރު ހުރީ ރަނގަޅަށް ކަމަށް ވަންޏާ އަޅުގަނޑުމެން މިތިބީ ހޮނިހިރު ދުވަހު ވޯޓުލުމުގެ މަސައްކަތައިގެން ކުރިއަށް ދާށޭ. އަޅުގަނޑުމެން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް މިކަން ނިމިގެން ދިއުން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓުލުން ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން އެއްވެސް އިރަކު ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެކަން ކުރައްވަން ޖެހިވަޑައިގަތީ އެ އިންތިޚާބުގައި ހުރި މައްސަލަތައް ހައްލުކުރަން އިލެކްޝަންސް ކޮމިޝަނުން އެއްބާރުލުން ނުދިނުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެ ކޮމިޝަނުން އެއްބާރުލުންދީ އެކަންކަން ރަނގަޅުކުރި ނަމަ އެހެން ނުވީސް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލީ އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކައިގެން މިކަން ހައްލުކުރެވޭނެ ދޮރެއް އެ ބޭފުޅުން ހުޅުވައި ދެއްވާތޯ؟ ހުޅުވައި ދެއްވި ނަމަ ހަތަރު ފަސް ދުވަހުގެ ތެރޭގައި އެކަން ނިމި އެ ބޭފުޅުންނަށް ގޯހެއް ހެއްދެވިފައިވާ ކަމަށް ވަންޏާ އެ ބޭފުޅުންގެ އަމިއްލަ އިޚްތިޔާރުގައި އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ވެސް އޮތް،" ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް މިރޭ ވެސް ގާސިމް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.
އޭނާ ވިދާޅުވީ ޔާމީން އިންތިޚާބަށް ނިކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް މައުމޫންގެ ފަހަތްޕުޅުގައި ކަމަށާއި އިންތިޚާބުގެ ކެމްޕެއިނަށް ބެލުމުން ވެސް އެކަން އެނގޭ ކަމަށެވެ. އަދި 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި 47 ޕަސެންޓް ހޯދި ބަޔަކަށް މިފަހަރު އެންމެ 25 ޕަސެންޓް ލިބުމަކީ އެ ބޭފުޅުންނަށް ތާއީދު ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މިރޭ ގާސިމަށް ތާއީދުކުރައްވައިފަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވެސް ޖޭޕީ އަށް ތާއީދުކުރަައްވަން ނިންމަވާފައިވާ ކަމަށެވެ.
ރެޖިސްޓްރީ ރަނގަޅު ނަމަ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވަން އެއްބާރުލުން ދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ