އަމިއްލަ އަށް ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށް ނުދޭން އާއިލާއާ ބެހޭ ކޯޓުން ނިންމައިފި

އާއިލާއާ ބެހޭ ގާނޫނާ ޚިލާފަށް އަމިއްލަ އަށް ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށް ނުދެވޭނެ ކަމަށާއި އެފަދަ ކައިވެނިތައް ރަޖިސްޓްރީކޮށް ނުދީގެން ހުށަހަޅާ މައްސަލަތައް ވެސް ބަލައިނުގަނެވޭނެ ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފި އެވެ.
އެ ކޯޓުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އަމިއްލަ އަށް ކައިވެނި ކުރަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދަރިންގެ ނަސްލު އޮޅުމާއި ދީނީ ގޮތުން ހަރާމް ގުޅުންތަކަށް މަގުފަހިވެ، އެ ގުޅުންތަކުން ލިބޭ ދަރިން ރަޖިސްޓްރީ ނުކުރެވި އެ ކުދިން މަގުމަތިވެ، ތައުލީމު ހާސިލް ކުރަން ނުދެވުމުގެ ކަންތައްތައް ކުރިމަތިވަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ދެމަފިރިންނާއި އެ މީހުންގެ ދަރިންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ ޝަރުއީ ގޮތުން ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ކައިވެނިކޮށްގެން ކަމަށެވެ. އަދި ކައިވެނިކޮށް ރަޖިސްޓްރީ ކުރުމަކީ އަމިއްލަ އަށް ކުރުމުގެ ހުއްދަ ދެވިފައިވާ ކަންކަން ނޫން ކަމަށާއި އެކަމަކީ ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަމެއް ކަމުގައި ވެސް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، އެގޮތަށް އަމިއްލަ އަށް ކޮށްފައިވާ އެއްވެސް ކައިވެންޏެއް ރަޖިސްޓްރީކޮށް ނުދެވޭނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ގާނޫނާ އެއްގޮތަށް ކައިވެނި ކުރުމަށް އެދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ގާނޫނާ ޚިލާފަށް ކޮށްފައިވާ މިފަދަ ކައިވެނިތައް ރަޖިސްޓްރީކޮށް ނުދީގެން ހުށަހަޅާ މައްސަލަތައް ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް، އާންމުކޮށް އަންގައި އިއުލާން ކުރަމެވެ." އެ ބަޔާނުގައިވެ އެވެ.
އާއިލާއާ ބެހޭ ގާނޫނު ބުނާގޮތުން އެ ގާނޫނުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ނުވަތަ ނުކުރުމަށް ބުނެފައިވާ ކަމެއްގައި ގާނޫނާ ޚިލާފަށް އެ ކަމެއް ކޮށްފިނަމަ އެ މީހެއްގެ އަދަބަކީ 1،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އަރުވާލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ