ހުޅުދޫ ކަރަންޓް ކޭބަލެއް ބުރިކޮށްލައިގެން ވަގަށް ގެންގޮސްފި

ސ. ހުޅުދޫގައި އަލަށް މީހުން އާބާދުވަމުން އަންނަ މާފިށި ސަރަހައްދަށް ކަރަންޓް ދޭން އަޅާފައިވާ ކަރަންޓް ކޭބަލް ބުރިކޮށްގެން ވަގަށް ނަގައިފި އެވެ.
ހުޅުދޫމީދޫ އިންޖީނު ގެއިން އެކަން ކަށަވަރުކޮށް ދީފައިވާ އިރު ފުލުހުން ވެސް ބުނީ އެފަދަ މައްސަލައެއް ރިޕޯޓް ކުރުމާ ގުޅިގެން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ސަދަން ޔުޓިލިޓީޒް ލިމިޓެޑ ް(އެސްޔޫއެލް) އިން ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ހުޅުމީދޫ އިންޖީނު ގޭގެ އޮފިޝަލަކު ވިދާޅުވީ ހުޅުދޫގައި އަލަށް މީހުން އާބާދުވުމަށް ގެތައް އިމާރާތް ކުރަމުން އަންނަ ސަރަހައްދުގެ ކަރަންޓް ކޭބަލް ބުރިކޮށްގެން ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހޮނިހިރުި ދުވަހު ކަމަށެވެ.
އޭނާ ވިދާޅުވީ ދެ ފޫޓް ބަޔަށް ކޮނެ ވަޅުލާފައި އޮތް 75 އެލްވީ ކޭބަލުން 745 ފޫޓް ބުރިކޮށްގެން ވަގަށް ނަގާފައިވާ ކަމަށެވެ.
"އެ ސަރަހައްދު ސާފުކުރަމުން ދިޔަ ބަޔަކަށް ހޮނިހިރު ދުވަހު ކޭބަލް ބުރިކޮށްލައިގެން ނަގާފައިވާ ތަން ފެނިގެން އަންގާފައި ވަނީ. އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން ކޭބަލުން 745 ފޫޓް ވަނީ ބުރިކޮށްގެން ވަގަށް ނަގާފައި،" އޮފިޝަލް ވިދާޅުވި އެވެ. "ކަރަންޓް ކޭބަލް ބުރިކޮށްލި ނަމަވެސް އެ ސަރަހައްދަށް ކަރަންޓް ނުލިބިގެން އަދި އިތުރު މައްސަލަތަކެއް ކުރިމަތިވެފައެއް ނެތް. މީހުން އާބާދުވުމަށް ގެތައް އިމާރާތް ކުރަމުން ދިޔަ ނަމަވެސް މީހުންނެއް އެ ސަރަހައްދަކު އަދި ދިރިއެއް ނޫޅޭ."
އޭނާ ވިދާޅުވީ ކަރަންޓް ކޭބަލް ވަގަށް ނަގަނީ ކޭބަލުގެ އެތެރޭގައި އޮންނަ ލޮއި ވިއްކައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ބުރިކޮށްގެން ވަގަށް ނެގި ކޭބަލް ކަމަށް ބެލެވޭ ކޭބަލެއް ހުޅުދޫ ގެއަކުން ވަނީ ފެނިފަ އެވެ. އެހެން ނަމަވެސް އެ މައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
ހުޅުމީދޫގައި ފަހަކަށް އައިސް ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ