އުނގޫފާރު ހުރިހާ ގެއަކަށްް ރޯދަ މަހު ކަރަންޓު ހިލޭ

އަންނަ ރޯދަ މަހު ރ. އުނގޫފާރުގެ ގޭބިސީތަކަށް ހިލޭ ކަރަންޓު ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ. އެގޮތަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގަ އެވެ. އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުލް ނާސިރު އަލީ "ސަން" އަށް ވިދާޅުވީ ރޯދަމަހު އެރަށުގެ ހުރިހާ ގޭބިސީތަކަށް ކަރަންޓު ހިލޭ ދިނުމަށް ނިންމީ ރޯދަ މަހަކީ އެހެނިހެން މަސްމަހާ އަޅާ ބަލާއިރު ގިނައިން ކަރަންޓު ބޭނުންކުރާ މަހަކަށް ވާތީ އުނގޫފާރު ރައްޔިތުންގެ ޖީބަށް ލުއިކޮށް ދިނުމުގެ ގޮތުން ކަމަށެވެ. "ރޯދަމަހަކީ އެހެން މަސްތަކަށްވުރެ ގިނައިން ކަރަންޓު ބޭނުން ކުރާނެ މަހެއް. އެހެންވީމަ ރައްޔިތުންގެ ޖީބަށް ލުއި ކޮށްދިނުމަށް އަޅުގަނޑުމެން ނިންމި ނިންމުމެއް މިއީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އުނގޫފާރު ކައުންސިލުން ވަނީ މިދިޔަ އަހަރު ވެސް ރޯދަމަހު އެ ރަށު ހުރިހާ ގޭބިސީތަކަށް ހިލޭ ކަރަންޓު ފޯރުކޮށްދީފަ އެވެ. ކައުންސިލްގެ ރައީސް އަބްދުލް ނަސީރު އަލީ ވިދާޅުވީ މިއަހަރު ވެސް މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، އުނގޫފާރުގެ ގެތަކުން ބޭނުން ކުރާ ކަރަންޓަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މުއްދަތުގައި އުނގޫފާރުގެ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް ގާތްގަނޑަކަށް 450،000 ރުފިޔާ އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ