ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ހަރުކޮށް އެ ޚިދުމަތް ދިނުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.
އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗަންގް ޒޫ ޓްރީނަރ ސޯލަރ އެނަރޖީ ކޯޕަރޭޝަން ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމެވެ. އަދި ޗަންގް ޒޫ ޓްރީނަރ ސޯލަރ އެނަރޖީ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ބްރަޔަން އެވެ.
މި ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 10.4 މިލިއަން ދިވެހި ރުފިޔާއެވެ.
އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތްތައް މިހާރުވަނީ ނިމި ބައެއް ރަށްރަށުގައި އެޚިދުމަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދަން ފަށާފައެވެ.
އެގޮތުން މިއީ މިމަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބައެކެވެ. މިފިޔަވަހި އަމާޒުކުރެވިފައިވަނީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށެވެ. މިގޮތުން މިރަށްރަށުގައި 2.3 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 17 ޖެނެރޭޓަރު (3.3 މެގަ ވޮޓް) އާއި، 2.5 މެގަވޮޓް އަވަރ ގެ ބެޓެރިއާއި، ކޭބަލާއި އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑްތައް ހުރިހާ ރަށެއްގައި ބެހެއްޓިގެންދާނެއެވެ. މިސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ވެސް މިރަށްރަށުގައި ޤާއިމުކުރެވިގެންދާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ހާމަކުރެއެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އިން ކަރަންޓު އުފައްދާ މިންވަރު ވަނީ 6 މެގަ ވޮޓަށް އިތުރު ކޮށްފައެވެ. އަދި އެރަށަކަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެ މަތީ ޢަދަދުގެ 30 އިންސައްތަ އާއި އެއްވަރުގެ ޢަދަދަކަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެހެން އަތޮޅުތަކުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ބޭނުންވާ މަސައްކަތް އެކިމަރުހަލާތަކުގައި ދަނީ ކުރެވެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ