ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިކަލެއްގެ މިލްކުވެރިކަން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ސާބިތުކޮށް އޭގެ ވެރި ފަރާތާ ސައިކަލު ހަވާލު ކުރުމަށް ފުލުހުންނަށް އަމުރުކޮށްފި އެވެ.
ސ. މަރަދޫ ދިލްކުޝާގޭ އަހުމަދު އާރިޝްގެ ޖީއެން 125ގެ ސައިކަލު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނިކޮށް ފުލުހުން ވަނީ އެ ބާވަތުގެ ދެ ސައިކަލެއް ހޯދައިފަ އެވެ. އަދި އޭގެ ތެރެއިން އެއް ސައިކަލަކީ އާރިޝްގެ ސައިކަލު ކަމަށް ބުނެ އެ ސައިކަލު ހޯދުމަށް އާރިޝް ސިވިލް ކޯޓުގައި ދައުވާކުރި އެވެ. އެ ސައިކަލު ފެނުނުއިރު އޭގެ ކުލަ ބަދަލުކޮށް ސައިކަލުގެ އިންޖީނު ނަމްބަރާއި ޗެސިސް ނަމްބަރު ވެސް ވަނީ ކަހާލައިފަ އެވެ. އަދި އެ ސައިކަލުގެ ބްރޭންޑް އޮޅުވާލުމަށް ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.
ހުކުމުގައިވާ ގޮތުން އެ ސައިކަލަށް ބައެއް ބަދަލުތައް ގެނެސްފައި ހުރި ނަމަވެސް އެ ސައިކަލަކީ އާރިޝް ވެސް ގެއްލިގެން އުޅޭ ޖީއެން 125 ބްރޭންޑްގެ ސައިކަލެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި ސައިކަލުގެ ފަހަތު ބޯޑު ވެސް ހުރީ އާރިޝް ބުނި ގޮތަށް ކަމަށާއި އަދި އޭނާގެ އަތުގައި އޮތް ތަޅުދަނޑިން އެ ސައިކަލުގެ ހުންގާނުގެ ތަޅާއި ޓޭންކްގެ މަތިގަނޑުގެ ތަޅު ހުޅުވުނު ކަމަށް އެ ފުލުހުން ބުނާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެ ސައިކަލުގެ މިލްކުވެރިކަމާމެދު ދައުވާކުރާ އެހެން ފަރާތެއް ނެތުމާއެކު އެ ސައިކަލަކީ އާރިޝްގެ ސައިކަލެއްކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ވެސް ގާޒީ އަލީ ރަޝީދުގެ އިއްވެވި އެ ހުކުމުގައިވެ އެވެ.
އެހެންކަމުން ބުރާސްފަތި ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ ސައިކަލު އާރިޝްއާ ހަވާލުކުރުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފަ އެވެ.
ގެއްލިގެން ރިޕޯޓްކޮށްފައިވާ ސައިކަލެއްގެ މިލްކުވެރިކަން ކޯޓުން ސާބިތުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ