މ. ފެއާރީ ކޯނާ އަލީ ޝިފާން މަރާލި މައްސަލާގައި ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިނިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ބޭނުންވާ ރިޕޯޓް އެތައް ދުވަހެއް ފަހުން މިއަދު ޕީޖީ އަށް ފޮނުވައިފި އެވެ. މި ރިޕޯޓް ކޯޓުން ދިން އިރު، ޝިފާންގެ މައްސަލައިގައި ހައްޔަރުކުރި މީހަކަށް މިދިޔަ ހުކުރު ދުވަހު ވަނީ ވަޅިން ހަމަލާ ދީ ޒަހަމްކޮށްލައިފަ އެވެ.
ޝިފާންގެ މަރުގެ މައްސަލާގައި މި އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު ހުކުމްކޮށްފައި ވާއިރު އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ހޯދުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ވަނީ އޭގެ ހަތަރު ދުވަސް ފަހުން ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ރިޕޯޓް ލިބިފައި ވަނީ މިއަދު ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ހަވީރަށް ވިދާޅުވި އެވެ. ޝިފާންގެ މަރުގެ މައްސަލަ ސާބިނުވާ ކަމަށް ހުކުމް ކުރި ނަމަވެސް އެއީ ސާބިތުވާ ވަރުގެ ހެކި ހުރި މައްސަލައެއް ބުނެ އިސްތިއުނާފު އަވަސްކޮށްދިނުމަށް ފުލުހުން ތަކުރާރުކޮށް އެދިފައި ވާއިރު ޕީޖީ މިއަދު ވެސް ވިދާޅުވެފައި ވަނީ ކޯޓުން ރިޕޯޓް ލިބުނުހާ އަވަހަކަށް އިސްތިއުނާފުކުރައްވާނެ ކަމަށެވެ.
މައްސަލަ އިސްތިއުނާފުކުރުން ވަރަށް ބޮޑަށް ލަސްވެފައި ވާއިރު އެ މައްސަލާގައި ދައުވާ ލިބުނު މުހައްމަދު ޝައިފަށް އަށް ބަޔަކު އިއްޔެ ވަނީ ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފަ އެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އެ މައްސަލައެއް ބެއްލެވި ގާޒީ އަކު ތައްޔާރުކުރައްވައި ސޮއިކުރެއްވުމަށް ފަހު އެ މައްސަލާގައި ހިމެނޭ ފަރާތްތަކަށް ދެނީ ކޯޓުގެ އިސް ގާޒީ ސޮއިކުރެއްވުމަ ފަހުގަ އެވެ. "ހަވީރު"ން ބެލި ބެލުމުން އެނގުނު ގޮތުގައި ޝިފާންގެ މައްސަލަ ބެއްލެވި ގާޒީ މުހްތާޒް މުހުސިން ހިމެނިވަޑައިގަންނަވަނީ މައްސަލަތައް ނިންމެވުމަށް ފަހު ރިޕޯޓް ނުނިންމަވާ އެންމެ ގިނައިން ހުރި ދެ ގާޒީންގެ ތެރޭގަ އެވެ.
ކޯޓުތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ދަށު ކޯޓުން ނިންމާ މައްސަލައެއް ނިމޭ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓް ކަމުގެ މަސްލަހަތު އޮތް ފަރާތްތަކަށް ލިބޭނެ އިންތިޒާމް އެ ކޯޓަކުން ހަމަޖައްސަން ވާނެ ކަމަށެވެ. އެހެންވެ މައްސަލައެއް ނިންމުމަށް ފަހު އެ މައްސަލައެއްގެ މަސްލަހަތު އޮންނަ ފަރާތްތަކުން ނޭދުނު ކަމުގައި ވިޔަސް 14 ދުވަހުގެ ތެރޭގައި ރިޕޯޓް ހަވާލުކުރުމަށް ކްރިމިނަލް ކޯޓުގެ ހުރިހާ ގާޒީންނަށް އެ ކޯޓުން އޮންނަނީ އަންގާފައި ކަމާއި އެކަމުގެ އެ މައްސަލަ ތަކުރާރު ވާތީ އުއްތަމަ ފަނޑިޔާރުގެ ސަމާލުކަމަށް ވެސް ތަކުރާރުކޮށް އެކަން ކޯޓުން ގެންނަވާފައިވާ ކަމަށް "ހަވީރަށް" ވަނީ އެނގިފަ އެވެ.
ކްރިމިނަލް ކޯޓުގައި ގާޒީ އަކު ޗުއްޓީ އަކަށް ވަޑައިގަންނަވާ ނަމަ ވެސް އެ ގާޒީއަކު ނިންމަވަންޖެހޭ ރިޕޯޓްތައް ނިންމަވައި ސޮއިކުރެއްވުމަށް ގާޒީންނަށް ލިޔުމުން އަންގަ އެވެ. ނަމަވެސް ގާނޫނުގައިވާ ގޮތުގެ މަތިން ރިޕޯޓް ނުނިންމަވާ ގާޒީންނާއި އަވަހަށް މައްސަލަތައް ނުނިންމަވާ ގާޒީންމާ މެދު މިހާތަނަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.
މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި، މައްސަލަ ނިމުނުގެ ގޮތުގެ ރިޕޯޓް ނުލިބިގެން ޝަކުވާ ބޮޑުވެފައިވެ އެވެ. އަދި ބައެއް މައްސަލަތައް އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތު ފަހަނަޅައި ދާއިރު ވެސް ރިޕޯޓް ނުލިބި އެބަހުއްޓެވެ.
ޝިފާން މަރުގެ މައްސަލައިގެ ރިޕޯޓް ދެ މަސް ފަހުން ކޯޓުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ