ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ މައުމޫން ހަމީދާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ހުޅުވާލި ފުރުސަތު މިއަދު މެދުކަނޑާލައިފި އެވެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހަންމަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރި، މައުމޫން ހަމީދާ ބެހޭ މައުލޫމާތުތައް ނެގީ "އެކަން ގޮސްފައިވަނީ ޕްރޮސީޖަރާ އެއްގޮތަށް ނޫން ކަމަށް" ބެލެވޭތީ އެވެ. އެހެން ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދައްވަ އެވެ.
މައުމޫން ހަމީދާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް އަލުން ފުރުސަތު ހުޅުވާލާނަންތޯ ދެންނެވުމުން އަހުމަދު ވިދާޅުވީ އެއާ މެދު އެއްޗެއް ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މައުމޫން ހަމީދާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ވެބްސައިޓުގައި ފުރުސަތު ހުޅުވާލީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރުމުންނެވެ. އަދި ވެބްސައިޓުގައި ވަނީ، ޕީޖީ ކަމަށް އެދިވަޑައިގެން މައުމޫން ހަމީދު ހުށަހެޅުއްވި ފޯމް އާންމުކޮށްފަ އެވެ. އެ ފޯމުގައި އޭނާގެ ބައެއް ޒާތީ މައުލޫމާތު ކަމަށްވާ އައިޑީ ކާޑު ނަމްބަރާއި އެޑްރެހާއި މޮބައިލް ނަމްބަރާއި ކުރިން އަދާކުރެއްވި ވަޒީފާތަކާއި ލިބުނު މުސާރަތައް ވެސް ހިމެނެ އެވެ. އަދި އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ދަނީ ފަތުރައި ފާޑުކިޔަމުންނެވެ.
އެ ކޮމިޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު "ހަވީރަ"ށް ކުރިން ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދާ މެދު އާންމުން ދެކޭ ގޮތް ވެބްސައިޓް މެދުވެރިކޮށް ހުށަހަޅަން ހުޅުވާލާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށެވެ. އަދި ހޯމަދުވަހު މައުމޫން ހަމީދާ ކޮމިޓީން އިންޓަވިއު ކުރަން ވަނީ ނިންމައިފަ އެވެ.
އޭނާ ވިދާޅުވީ މައުމޫން ހަމީދާ މެދު އާންމުން ފޮނުވާ ކޮމެންޓްތައް ނާޖާއިޒް ގޮތުގައި ބޭނުންކޮށްފާނެތީ އެއްވެސް ކޮމެންޓެއް މަޖިލީހުގެ ވެބްސައިޓުން އާންމުންނަށް ނުފެންނާނެ ކަމަށެވެ.
"އެ ކޮމެންޓުތައް އޭރުން ސީދާ ހިއްސާ ކުރާނީ ކޮމިޓީގެ މެމްބަރުންނާ. އާންމުންގެ ސުވާލުތަކާ ގުޅޭ ގޮތުން ކޮމިޓީގައި އެބޭފުޅާ ]މައުމޫން ހަމީދު[ މެދުވެރިކޮށް ޖަވާބު އަޅުގަނޑުމެން ހޯދާނަން،" ސަމީރު ވިދާޅުވި އެވެ. "ޕީޖީ ކަމަށް ވަޑައިގަންނަވާ ބޭފުޅާ އަކީ ދައުވާކުރުމާއި ދައުވާނުކޮށް ދޫކޮށްލުމުގެ ބާރު ލިބިވަޑައިގަންނަވާ ބޭފުޅެއް. އެހެންވީމާ އެފަދަ ބޭފުޅަކާ މެދު އާންމުން ދެކޭ ގޮތް ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކޮމިޓީގެ ބޭފުޅުންނަށް ފެނިވަޑައިގަތީ. އެބޭފުޅާ އަކީ އެހާ ހައިބަތާއި ގަދަރު ބޮޑު ބޭފުޅަކަށްވާ އިރު އެބޭފުޅާއާ ގުޅޭ ކަންކަން ވީހާ ވެސް ޓްރާންސްޕޭރެންޓް ކުރުން އަޅުގަނޑުމެންގެ ބޭނުމަކީ."
މައުމޫން ހަމީދާ ބެހޭ ގޮތުން ފޮނުވާ ކޮމެންޓްތައް މަޖިލީހުގެ ވެބްސައިޓްގައި އާންމު ނުކުރާނެ ކަމަށް ސަމީރު ވިދާޅުވެފައިވާ އިރު، މަޖިލީހަށް ބައެއް މީހުން ފޮނުވި ކޮމެންޓްތައް އެމީހުން ވަނީ އަމިއްލަ އަށް ސޯޝަލް މީޑިއާގައި އާންމުކޮށް މައުމޫން ހަމީދަށް ތާއީދު ނުކުރުމަށް ގޮވާލައިފަ އެވެ.
މައުމޫން ހަމީދާ މެދު އާންމުންގެ ހިޔާލު ހޯދުން މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ