މިއީ ތުހުމަތުތަކުން ބަރީއަވުމަށް ލިބުނު ރަނގަޅު ފުރުސަތެއް - މެމްބަރު ސުޖާއު

މި ވަގުތަކީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ކުރަމުން އަންނަ ތުހުމަތުތަކުން ބަރީއަތް ވުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ބާރަށު ދައިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ މި ދަނޑިވަޅުގައި ޕީއެސްއެމްގެ ސިޔާސީ މަޝްރަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސުޖާއު ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"މިއީ ދިވެހިރާއްޖޭގެ ޑިމޮކްރެސީ އަށް ލިބިގެން ދިޔަ އާރޯ ކަމެއް، މިއީ ސަރުކާރާއި އަޅުގަނޑުމެންގެ ދީނާއި ރައްޔިތުންނަށް ލިބގެން ދިޔަ ވަރަށް ބޮޑު ނަސްރަކާއި ކާމިޔާބީ އެއް،" ސުޖާއު ވިދާޅުވިއެވެ.
މަޖްލީސް މެމްބަރުންގެ މައްޗަށް ބައެއް ފަރާތްތަކުން ކުރައްވަމުން ގެންދަވާ ކޮރަޕްޝަންގެ ތުހުމުތުތަކަށް ރައްދު ދެއްވައި ސުޖާއު ވިދާޅުވީ ސުޕްރީމް ކޯޓުގެ މި ހުކުމަކީ މެމްބަރުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުން ބަރީއަ ވުމަށް ލިބިގެން ދިޔަ ރަނގަޅު ފުރުސަތެއް ކަމަށެވެ.
"ރައްޔިތުން މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރާ އިރުވެސް އިންތިހާބު ކުރާ ޕާޓީއަކުން ވަކި ވުމަކީ ބަލައިގަނެވޭ ކަމެއް ނޫން އެކަން ހުއްޓުވަން ޖެހޭ،" ސުޖާއު ވިދާޅުވިއެވެ.
އޭނާގެ ވާހަކައިގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި ދެކޮޅަށް ނަގާ ވޯޓު ބާތިލު ކުރާނެ ކަމުގެ ފުރިހަ ޔަގީން ކަން އެބައޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ މިއަދު ނިންމި ނިންމުމަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާގެ ދަށުން އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ރިއާޔަތްކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.
މި ނިންމުމުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ