ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި މެދު ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް އޯގާތެރިކޮށް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވި ވިދާޅުވުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ރައްދު ދެއްވައިފިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޤާސިމްއާއި މެދު އަމަލުކޮށްފައިވަނީ އަނިޔާވެރިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުން ކަމަށާއި އެގޮތަށް ކަންކުރުމަށްފަހު ކަންކޮށްފައިވަނީ ވަރަށް އޯގާތެރިކޮށްކަން ބައެއް ބޭފުޅުން ވިދާޅުވާ ކަމުގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ރިޝްވަތުގެ ތުހުމަތު އަޅުގައި ގާސިމްގެ މައްޗަށް ބަލިއެނދުގައި އޮންނަވަނިކޮށް ހުކުމް ކޮށްފައިވާ ކަމުގައެވެ. އަދި މިއަދު ޤާސިމް ތަހައްމަލް ކުރައްވަމުން ގެންދަވަނީ އަނިޔާވެރި ވޭނެށް ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަދި ޤާސިމްގެ ބޭސްފަރުވާއަށް ދިހަ ދުވަސް ދިން އިރު ދަތުރަށް ތިން ދުވަސް އަދި ފަހްތާ ބަންދަށް ދެދުބަސް ކެނޑުމުން ބޭސްފަރުވާއަށް ލިބެނީ ފަސް ދުވަސް ކަމަށާއި ސަރުކާރުގެ އޯގާތެރިކަން ހުރީ އެހިސާބުގައިކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި އެފަދަ އޯގާތެރިކަމެއް ބޭނުން ނުވާކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މިޔިދަ ބުދަ ދުވަހުގެ ރޭ ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ހުއްދަ ދިނުމާއި އެކު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަޒްލީން ވިދާޅުވީ ގާސިމް ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ ގާސިމްގެ އާއިލާއާއި ވާހަކަވެސް ދެކެވިގެން އޮންނަ އުސޫލުގެ ތެރެއިން އެންމެ ބާރު ސްޕީޑްގައި ކަމުގައެވެ.
އަދި ޤާސިމްގެ ހާލުކޮޅު ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ މަންދޫބުން ފޮނުއްވާ ގާސިމްގެ ހާލުކޮޅު ރަނގަޅުވަމުން ދިޔަ ގޮތްވެސް ސަރުކާރުން ގާތުން ބަލާފައިވާކަމަށް އަޒްލީން ވިދާޅުވިއެވެ. އަދި ގާސިމްގެ ހާލުކޮޅު ސްޓޭބަލްވެ ކިރިޔާ ބޭރަށް ފުރޭވަރު ވީއިރަށް މިރޭ ޤާސިމް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ހުއްދަ ދެއްވީކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ ގާސިމް ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންނެވި ނަމަވެސް އެހެން ސިޔާސީ ލީޑަރުން ފަދައިން ފިއްލަވައިގެން އެހެން ގައުމެއްގެ ސިޔާސީ ހިމާޔަތުގައި އުޅުއްވުމަށް ވަޑައިގަންނަވާނެކަމަށް ގަބޫލު ނުކުރަށްވާކަމަށާއި ދީފައިވާ މުއްދަތުގައި ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގެން ކަމާބެހޭ ފަރާތަށް ރިޕޯޓް ކުރައްވާނެކަމަށް ގަބޫލު ކުރަށްވާކަމުގައެވެ. ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.
އަޒްލީން އިތުރަށް ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ ކަންކަމުގައި ސަރުކާރު ބަދުނާމުވާގޮތަށް ގާސިމްގެ އާއިލީ އެއްވެސް ގުޅުމެއް ނެތް ފަރާތްތަކުން ނަމަވެސް ސިޔާސީ ގޮތުން ގާސިމް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަވާ ބޭފުޅުން، އަމަލު ކުރައްވާފައިވާ ކަމުގައެވެ.
އަދި އެފަރާތްތަކުން ސަރުކާރު ބަދުނާމުކޮށް އެދެއްކި ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަ ތަކެއް ކަމަށާއި ގާސިމްގެ ބޭސްފަރުވާގެ ކަންކަމުގައި ސަރުކާރުން އިހްލާސްތެރިކަން މިރޭވެސް ހާމަވެގެން ހިނގައްޖެކަމަށް އަޒްލީން ވިދާޅުވިއެވެ.
މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމުގެ ކުށުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ޤާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް ކޮށްފައިވަނީ ގާސިމް ހޮސްޕިޓަލުގައި އޮންނަވަނިކޮށް ގާސިމްގެ ގައިރު ހާޒިރުގައެވެ.
މިނިސްޓަރު އަޒްލީންއަށް ރައީސް މައުމޫނު ރައްދު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ