ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައްފަޅާލައި ރައްޔިތުން މަޖިލިސްކުރާގެއަށް ވެންނެވި ކަމަށްބުނާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހްމަތު އިދިކޮޅު އިއްތިހާދުން ކޮށްފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހްލޫފު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހެކިބަސްދޭން ތިބި ފުލުހުންނާ ޕީޖީ އޮފީހުގައި ބައްދަލުކޮށްފައިވާ ކަމަށެވެ.
" އެކި މީހުންގެ ބަޔާން ނެގިއިރުގަ އެކަކު އަނެއް ކަކަށް ދައްކާ ވާހަކަ ދިމާނުވާތީ ޕްރޮސެކިއުޓާ ޖެނަރަލް ބިޝާމްގެ އެދިވަޑައިގަތުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގައި މި ހުރިހާ ހެކިންނާ އެކީގައި ދައުލަތުގެ ވަކީލުން ވަނީ ބައްދަލުކޮށްފަ. އަޅުގަނޑުމެންގެ ގެ ފަރާތުން ވަކީލުން ކުރާނެ ސުވާލާއި ކޮށްފާނެ ސުވާލުތަކަށް ޖަވާބުދީ މި ބަޔާންތައް އެއްގޮތް ކުރުމަށް، " މަހްލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތު ލިބުނީ ޕީޖީ އޮފީހަށް ގެންދިޔަ ފުލުހެއްގެ ފަރާތުން ކަމަށެވެ.
މެމްބަރުން މަޖިލީހަށް ދިއުމަށް ފުލުހުން ހުއްދަ ދިން ކަމަށާއި އެ ގޮތަށް އަމަލުކުރި އެއް ފުލުހަކު މަސައްކަތް ކުރާ ޑިޕާޓްމަންޓުން އެކަމާ ގުޅިގެން ބަދަލު ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ދެމުންދިޔަ ސެކިއުރިޓީ ކަނޑާލައި އެ މެމްބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުވަން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި މޭޖަރ ޖެނަރަލް އަހްމަދު ޝިޔާމް ދަންވަރުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށް ފާހަގަ ކުރައްވާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
" ނަސީބު ދިމާކުރި ގޮތުން ދުރުން ވެސް އެ ފޮޓޯއިން އަނިލް އަށް އެއީ އަނިލްކަން ނޭނގޭ ނުވަތަ އޮޅުވާލެވޭ ވަރަށް ވުރެ އެ ބޭފުޅާ އެބަ ސާފުވޭ. އެހެންވީމަ މި ދެ ބޭފުޅުން ވަދެވަޑައިގެންނެވި ފޮޓޯ އެބަހުރި ލިބިފައި،" މަހްލޫފު ވިދާޅުވި އެވެ.
އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހްމަތުގައި ކުރި ހުކުމް ޢައިރު ހާޒިރުގައި ކުރުމަކީ އޭގެ އަސަރު އެންމެ އާދައިގެ މީހާއަށް ވެސް ކުރާނެ ކަމެއް ކަން މަހްލޫފު ފާހަގަ ކުރެއްވި އެވެ.
" ރަށެއްގައި ހުންނަ ނިކަމެތި ރައްޔިތެއްގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމް ކުރީމަ އެ ވާހަކައެއް ރައްޔިތުންނަކަށް ނޭނގެ. މީޑިޔާ މެދުވެރިކޮށް އެ ވާހަކައެއް ރައްޔިތުންނަކަށް ނޭނގެ. މީގެ ނަތީޖާއަކަށް ވާނީ އެންމެ ނިކަމެތި ރައްޔިތު މީހާއަށް ވެސް މި ގޮތަށް ދެން ހުކުމް ކުރުން،" އޭނާ ވިދާޅުވި އެވެ.
އަދި ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމް ގަބޫލުކުރާ ކަމަށްވާނަމަ އެ ހުކުމާ އެއްގޮތަށް ބޭސްފަރުވާ ވެސް ހަމަ ޖައްސަދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން ފެންނަނީ ހުކުމުގެ އެއްބަޔަށް އަމަލުކޮށް އަނެއް ބަޔަށް އަމަލުނުކުރާތަން ކަމަށް މަހްލޫފު ފާހަގަ ކުރެއްވި އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
މެމްބަރުންނާ ދެކޮޅަށް ކުރާ ދައުވާގައި ހެކިބަސްދޭން ތިބި ފުލުހުންނަށް ޕީޖީ ނުފޫޒުފޯރުވާ: އިދިކޮޅު އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ