ސްޓެލްކޯގެ ސްޓާފް ޓަވަރުތަކަށް ކުންފުނީގެ ހަރަދުގައި ކަރަންޓު ލަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯ ސްޓާފް ޓަވަރުތަކަށް ކުންފުނީގެ ހަރަދުގައި ކަރަންޓު ލާން ނިންމައިފިއެވެ.
ސްޓެލްކޯއިން ބުނީ ސްޓެލްކޯ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް އެކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
މި ނިންމުން ނިންމާފައި ވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ވަނީ ހަދާފައެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.
މި ފްލެޓްތަކުގެ 95 ޕަސަންޓް މިހާރު ނިމިފައިވާއިރު މި ފްލެޓްތަކަށް ކަރަންޓާއި އެހެނިހެން ޔުޓިލިޓީގެ ހިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން ވިޔަސް އަންނަ ޖުލައި މަހު އެ ފްލެޓްތަކަށް މީހުން ވައްދާނެ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ވަނީ ދީފައެވެ.
އަދި މިމަހު ތެރޭގައި ހުރިހާ މަސައްކަތެއް ނިންމައި އެ ތަނާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ