ތެލުގެ އަގު ބޮޑުވިޔަސް ކަރަންޓު ބިލު ބޮޑު ނުކުރާނެ: ސްޓެލްކޯ

ރަޝިއާ ޔޫކްރެއިން އާ ދެމެދު ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ކަރަންޓު ޚިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓު ޚިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށާއި، "ފްލެޓް ރޭޓް" (އެއް ހަމައެއްގައި) އެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޯށްދެއެވެ. އަދި ބައެއް ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުންވެސް އެ ހިދުމަތް ފޯރުކޮށްދެއެވެ.
ރަޝިއާއިން ޔޫކްރެއިނަށް ހަމަލާތައް ދޭން ފެށުމާއެކު އެ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެކަމާއި ގުޅިގެން ފާއިތުވި ދެހަފްތާ ތެރޭގައި ތެލުގެ އަގު ވަނީ ފީފާއަކުން 20 ޑޮލަރު ބޮޑުވެފައެވެ. އަދި ބައެއް ގައުމުތަކުގައި ކާބޯތަކެއްޗާއި އަސާސީ ޚިދުމަތްތަކުގެ އަގުތައް އަންނަނީ އުފުލެމުންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 12.06ރ. އިން 14.60ރ. އަށް ބޮޑުކޮށްފައެވެ. ޑީސަލް ލީޓަރެއްގެ އަގު ވަނީ 12.44ރ. އިން 14.80ރ. އަށްބޮޑުކޮށްފައެވެ. މިއީ ޕެޓްރޯލް ލީޓަރަކުން 2.54ރ. އަދި ޑީސަލް ލީޓަރަކުން 2.36ރ. ގެ ބޮޑުވުމެކެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 139 ޑޮލަރަށްވެސް ބޮޑުވެފައެވެ. މިއީ 2008 ވަނަ އަހަރަށްފަހު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މި ވަރަށް މަތިވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ