"ފެކްޓް ފައިންޑިން" މިޝަންއަކަށް ކޮމެޓީގެ މެންބަރުން މާފަރަށް

ނ. މާފަރު ރައްޔިތުންގެ ކަންބޮޑުވުންތައް ބެލުމަށް "ފެކްޓް ފައިންޑިން" މިޝަނެއްގެ ގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައެއް މެމްބަރުން މިއަދު އެ ރަށަށް ފުރާވަޑައިގެންފި އެވެ.
ނަމަވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ ހުސް އެމްޑީޕީ މެންބަރުންނެވެ. މީގެ ކުރިން މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ މެމްބަރުން ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.
މިދަތުރުގައި ބައިވެރިވެޑައިގަންނަވަނީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒާއި މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މުޤައްރިރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު މަޖިލީހުގެ އިދާރާގައި ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މާފަރުގައި ބޭއްވުމަށް ހަމަޖެއްސި ކޮމިޓީގެ ބައްދަލުވުން ކެންސަލް ކުރީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ކަމަށާއި މަޖިލީހުގެ ކޮމިޓީއެއްގެ ސިފައިގައި ހުރިހާ ކަމެއް އިންތިޒާމު ކުރެވިގެން މާފަރުގައި ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނަމަ ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގާފައިވާ ކަމަށެވެ.
ޢަލީ ވަހީދު ވިދާޅުވީ މިބައްދަލުވުން ކެންސަލް ކުރި ނަމަވެސް މާފަރަށް ޒިޔާރަތް ކުރައްވާ "ފެކްޓް ފައިންޑިން" މިޝަނުގައި ކޮމިޓީގެ ހުރިހާ ބޭފުޅުންނަށާއި، މާފަރު ހިމެނޭ މަނަދޫ ދާއިރާގެ މެންބަރަށް މިދަތުރުގައި ބައިވެރިވެވޭގޮތަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ޢަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުން މާފަރަށް ޒިޔާރަތް ކުރައްވާ އެރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލާއި ބައްދަލުކޮށް މައުލޫމާތު އެއްކުރުމަށްފަހު މާލޭގައި ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި އެބައްދަލުވުމުގައި ކޮމިޓީއަށް އިތުރު ލިޔެކިޔުންތަކެއް ހޯދަންޖެހޭ ކަމަށްވާނަމަ އެތަކެތި ހޯދުމަށްފަހު ކޮމިޓީން ގޮތްތަކެއް ނިންމާ މާފަރު މައްސަލައިގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށްވެސް ޢަލީ ވަހީދު ވިދާޅުވިއެވެ.
އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ މާފަރުގެ ސަރުކާރުގެ ހުރިހާ އޮފީސްތައް ބަންދުކޮށް މުޒާހަރާކުރަމުންދާތާ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި ރަށުގައި ހެދުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިނުވާތީ މާފަރު ރައްޔިތުންނާއި ނ.އަތޮޅުގެ ގިނަ ރަށްތަކެއްގެ ރައްޔިތުންނާއި ބައެއް ކައުންސިލްތައް ގުޅިގެން މިމައްސަލައިގައި އިހްތިޖާޖު ކުރުމުގެ ހަރަކާތްތަކެއް ފަށާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ