ގައުމަށް ސުލްހަ މަސަލަސްކަން ގެނެސް ރައްޔިތުންނަށް ތަރައްގީ ގެނެސް ހަމަޖެހޭ ދިރިއުޅުމެއް ފަހިކޮށްދޭނެ ޕާޓީއަކީ ޑީއާރުޕީކަން ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި ޑީއާރުޕީ މިހާރު ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބަލައިގެންފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ.މައުސޫމް ވިދާޅުވީ ޕާޓީތަކުގައި މިހާރު ތިބި މެމްބަރުންގެ އިތުރަށް އާންމު ރައްޔިތުން މިފަހަރު ގޮތެއް ނިންމުމުގައި ވަރަށް ބޮޑު އެއްޗެއް ބުނާނެ ކަމަށާއި އާންމު ރައްޔިތުންގެ ވިސްނުން މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.
މައުސޫމް ވިދާޅުވީ ޑީއާރުޕީއިން ކުރި ދިރާސާތަކުން ދައްކާ ގޮތުން މިއަހަރުގެ ރިޔާސީ އިންތިޙާބު އެއްވެސް ޕާޓީއަކަށް ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ޑީއާރުޕީއިން ދެކޭގޮތުގައި ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ދެވަނަބުރުން ޖާގަ ހޯދުން ކަމަށާއި، ދެވަނަބުރުން ޖާގަ ލިބުމުގެ ފުރުސަތު މިހާރުވެސް ޑީއާރުޕީއަށް އޮތް ކަމުގައި ވީނަމަވެސް، އެފުރުސަތު އިތުރަށް ތަނަވަސް ކުރުމުގެ ގޮތުން، އެހެންޕާޓީތަކުން ޑީއާރުޕީއާ ގުޅުމަށް ޑީއާރުޕީއިން މަރުހަބާ ކިޔާ ކަމަށް މައުސޫމް ވިދާޅުވިއެވެ.
” އެހެންނަމަވެސް އެމްޑީޕީގެ ލީޑަރޝިޕްގައި ރައީސް ނަޝީދު ހުންނެވިހާ ހިނދަކު އެފަދަ ކޯލިޝަނެއް އެމްޑީޕީއާއެކު ނުހަދާނެ. އެފަދަ ކޯލިޝަނެއް ހަދަން ޑީއާރުޕީ ކައުންސިލުން ނިންމައިފިނަމަ ޑީއާރުޕީގެ ލީޑަރކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ލީޑަރ އަހުމަދު ތަސްމީން އަލީ ވަނީ ވިދާޅުވެފައި. ކޯލިޝަން ހަދާނެ ޕާޓީތައް ނިންމާނީ ޑީއާރުޕީ ކައުންސިލުން ކަމަށްވާއިރު، ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް ޑީއާރުޕީގެ ކައުންސިލްގެ މެމްބަރުންގެ ވިސްނުމެއް ނެތް” ޑރ މައުސޫމް ވިދާޅުވިއެވެ.
ޑރ މައުސޫމް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޙާބަށް ކޯލިޝަން ހެދުމަށްޓަކައި ރަސްމީ އަދި ނުރަސްމީ މަޝްވަރާތައް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.
އަދި ރިޔާސީ އިންތިޙާބުގައި ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ވާދަކުރައްވާނެ ކަމަށާއި، ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓްކަން ދޫކޮށްލާފައި އެހެން ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ޑީއާރުޕީއިން ނުގެންގުޅޭ ކަމަށް ޑރ މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓަކު އައްޔަނު ކުރާނި ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި ކޯލިޝަން ހެދުމާއި މެދުވެސް ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.
ދިވެހި ރައްޔިތުން ޑީއާރުޕީ ވަނީ ބަލައިގެންފައި - މައުސޫމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ