ބޭސް ފަރުވާއަކަށް ކުރީގެ މެމްބަރު ނާޒިމް ސިންގަޕޫރަށް

އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް، ބޭސްފަރުވާއަކަށް ސިންގަޕޫރަށް ފުރައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ 15 ދުވަހަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސުޕްރީމް ކޯޓުން ނާޒިމަށް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.
މިއީ ހުކުމް ކުރެއްވި ފަހުން ނާޒިމް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ހުއްދަ ދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެފަހަރަކު ނާޒިމް ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.
ބޭސްފަރުވާ އަށް ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވީ، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ބާތިލްކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ