ހޯމަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖެ އައި ނޭޕާލު ގައުމީ ޓީމުގައި، މީގެ ކުރިން އެޓީމަށް މުހިންމު ކާމިޔާބީތަކެއް ހޯދައިދިން ޑިފެންޑަރ ލައްޗޫ ތާޕާ ނުހިމެނޭކަމަށް އެޤައުމުގެ މީޑިއާއަކުން ރިޕޯޓްކޮށްފިއެވެ.
ނޭޕާލުގެ ފުރަތަމަ އޮންލައިން ނިއުސް ޕޯޓަލްކަމަށްވާ ނޭޕާލް ނިއުސްއިން ރިޕޯޓްކޮށްފައިވާގޮތުގައި 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖެ އައި ނޭޕާލުގެ ސްކޮޑުގައި ލައްޗޫ ހިމަނާފައެއް ނުވެއެވެ.
ލައްޗޫ މިމުބާރާތުގައި ވާދަކުރުމަށް ދެކޮޅު ހަދާފައިވަނީ އޭނާއާއި އެކު ޓީމުގައި ކުޅެމުންދާ އޭނާގެ އެއްމާބަނޑު ބޭބެ ރާމް ތާޕާ އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލުކުރުމާއި ގުޅިގެން އޭނާއާއި އެކު އެކޮޅަށް ބަދަލުވާން ބޭނުންވުމުންނެވެ.
ނޭޕާލުގެ ޒުވާން ޓީމުގެ އިތުބާރު ޑިފެންޑަރ ލައްޗޫއަކީ 2022 ވަނަ އަހަރު 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް އެޓީމު ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އަދި އެމުބާރާތަށްފަހު އޭނާ ޓީމަށް ހޯދައިދިން ޔަގީންކަމުގެ ސަބަބުން އޭގެ ފަހުން ނޭޕާލުގެ ޒުވާން ޓީމު ކުޅުނު ކޮންމެ މެޗެއްގައި އޭނާ ވަނީ ހިމަނާފައެވެ.
ލައްޗޫ ވެފައިވަނީ ނޭޕާލު ޓީމުގެ ކޯޗުކަން ކުރަމުން އަންނަ އުރުޖަން ޝުރޭސްތާ އެންމެ އިތުބާރުކުރާ އެއް ކުޅުންތެރިޔަކަށެވެ. ނޭޕާލް ޓީމުން މުބާރާތަށް ނުކުންނާނީ ދަރްބެންދްރާ ކުންވާރުގެ ކެޕްޓަންކަމުގެ ދަށުންނެވެ. އޭނާވަނީ އެޤައުމުގެ ޤައުމީ ލީގުގެ އިތުރުން 19 އަހަރުންދަށުގެ ޗެންޕިއަންޝިޕުގައިވެސް ކުޅެފައެވެ.
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލު ހިމެނެނީ ރާއްޖެއާއި އެކު ގްރޫޕް އޭ ގައެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ބޫޓާން އަދި ލަންކާއެވެ.
މުބާރާތް ފަށާ ދުވަހުގެ ހަވީރު ނޭޕާލުން އެންމެ ފުރަތަމަ ވާދަކުރާނީ ބޫޓާނާއި ދެކޮޅަށެވެ. އެއަށްފަހު 25 ވަނަ ދުވަހު ލަންކާއާއި ދެކޮޅަށް ކުޅުމަށްފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޭޕާލް ނުކުންނާނީ ރާއްޖޭގެ ޤައުމީ ޓީމާއި ވާދަކުރުމަށެވެ.
ނޭޕާލް މުބާރާތަށް އައީ މުޙިއްމު ކުޅުންތެރިޔަކު ނުލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ