ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މުއްދަތު ޖެހުމުން ހައިކޯޓުން މިއަދު އެކަމަށް ތާއީދުކޮށްފައިވާތީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ނާޒިމްގެ ގާނޫނީ ޓީމުން ނިންމައިފި އެވެ.
ނާޒިމް ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފްގެ މައްސަލަތަކުގައި މިއަދު ހައިކޯޓުން ނިންމާފައިވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވަނީ ރަނގަޅަށް ކަމަށެވެ. ނާޒިމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އޭނާ ހައްޔަރުކުރި ކުރުމާއި ކްރިމިނަލް ކޯޓުން ދިން ބަންދުގެ މުއްދަތު ބާތިލް ކޮށްދިނުމަށެވެ.
މިއަދުގެ އަޑުއެހުމަށްފަހު ހައިކޯޓުގެ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ނާޒިމްގެ ގާނޫނީ ޓީމުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ ދަށު ކޯޓުގެ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މިމައްސަަލަ މިފެށޭ ހަފްތާ ސުޕްރީމް ކޯޓަށް ހުށަހަޅާނަން،" މައުމޫން ވިދާޅުވި އެވެ.
އޭނާ މިއަދު އިތުރަށް ވިދާޅުވީ ނާޒިމްގެ ގާނޫނީ ޓީމުން ފުލުހުންނަށް ފޮނުވި ދެ ސިޓީއެއްގެ ތެރެއިން އެއް ސިޓީއަކަށް މިހާރު ފުލުހުން ޖަވާބުދީފައިވާ ކަމަށެވެ. ޖަވާބު ދީފައިވަނީ ނާޒިމް ހައްޔަރުކުރަން ޖެހުނު މައްސަލައިގައި ފުލުހުންނަށް ލިބިފައިވާ މައުލޫމާތު ހިއްސާކުރުމަށް އެދި ފޮނުވި ސިޓީއަށް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ސިޓީއަށް ޖަވާބުދީފައިވާއިރު ދީފައިވަނީ ޒިންމާދާރު ކަން ކުޑަ ޖަވާބެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތު ނާޒިމްގެ ގާނޫނީ ޓީމަށް ބޭނުންވަނީ ނާޒިމްގެ ދިފާއުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. ނަމަވެސް ފުލުހުން ނާޒިމްގެ ގާނޫނީ ޓީމަށް ފޮނުވި ސިޓީގައި އެ މައުލޫމާތު ހާމަކުރާނީ ޝަރީއަތުން އަންގާ ގޮތެއްގައި މަތިން ކަމަށް ބުނެފައިވާ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖެހީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.
ނާޒިމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އޭނާ ހައްޔަރުކުރި ކުރުމާއި ކްރިމިނަލް ކޯޓުން ދިން ބަންދުގެ މުއްދަތު ބާތިލް ކޮށްދިނުމަށެވެ. އެ މައްސަލަތަކުގައި ހައިކޯޓުގައި މީގެ ކުރިން ބޭއްވި ހަމައެކަނި އަޑުއެހުމުގައި އަމަލުކުރި ގޮތަށް މިއަދުގެ އަޑުއެހުމަށްވެސް ވައްދާފައިވަނީ ދައުލަތާ ނާޒިމްގެ ގާނޫނީ ޓީމުގައި ހިމެނޭ ބޭފުޅުންނާ ނާޒިމްގެ އާއިލާގެ ބޭފުޅުންނެވެ.
ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ އެރޭ މެންދަމުގެ ވަގުތެއްގަ އެވެ.
ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖެހީ ނާޒިމަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށް ފުލުހުން ކޯޓުގައި ބުނުމާއި ގުޅިގެންނެވެ.
ފުލުހުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު 3:15 ހާއިރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ އެތަނުން ފިސްތޯލައަކާއި ތިން ވަޒަނާ އަދި އައިއީޑީއެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުންނާއި ނާޒިމްގެ އަރިސް ބޭފުޅުން ގެންދަވަނީ އެ ވާހަކަތައް ދޮގުކުރައްވަމުންނެވެ.
ނާޒިމްގެ އަބުރަށް ހުތުރުވާ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ކޮމިޝަނަ އޮފް ޕޮލިސް ހުސައިން ވަހީދު ދެއްކެވި ކަމަށް ވިދާޅުވެ ނާޒިމްގެ ގާނޫނީ ޓީމުން ވަނީ ސީޕީއާ ދެކޮޅަށް އަބުރުގެ ދައުވާއެއް ކޯޓަށް ހުށަހަޅާފަ އެވެ. ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަނުމުގައި އަަމަލުކުރި ގޮތާއި ނާޒިމް ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތް ބަލައި ދިނުމަށްވެސް ނާޒިމްގެ ގާނޫނީ ޓީމުން ވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފަ އެވެ.
ނާޒިމް ބަންދުގައި ބަހައްޓަން ހައިކޯޓުން ތާއީދުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ