ކަސްޓަމްސް އޮފިސަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ބައްދަލުވުމެއް ބާއްވައިފި

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ، ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓްކުރުމުގެ ގަވާއިދަށް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމާ ގުޅިގެން އެކަމާބެހޭގޮތުން ކަސްޓަމްސް އޮފިސަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ބައްދަލުވުމެއް ބާއްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މިބައްދަލުވުމުގައި މައުލޫމާތުދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓްގެ ކަމާބެހޭ ބޭފުޅުންނެވެ.
މިގަވާއިދުގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާފައިވާ 30،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ ވައިގެ މަގުން ނުވަތަ ކަނޑުގެ މަގުން ނުވަތަ ޕޯސްޓް މެދުވެރިކޮށް ނުވަތަ އެހެން ގޮތަކުންވިޔަސް އެއްވެސް ފަރާތަކުން ރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ރާއްޖެއިން ބޭރުކުރާނަމަ "ކޭޝް ޑިކްލަރޭޝަން" ފޯމް މެދުވެރިކޮށް ކަސްޓަމްސްއަށް ރިޕޯޓްކުރަން ޖެހެއެވެ.
ކަސްޓަމްސްއަށް ރިޕޯޓްކުރަންޖެހޭ އެހެން ނަމަވެސް ރިޕޯޓްކޮށްފައިނުވާ ނަގުދު ފައިސާއަކީ މަނީ ލޯންޑްރިންގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާއެއް ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވޭނަމަ ނުވަތަ ރިޕޯޓް ކުރުމުގައި ނުރަނގަޅު މައުލޫމާތު ދީފައިވާނަމަ ކަސްޓަމްސްއިން އެ ފައިސާ ހިފެހެއްޓިދާނެ ކަމަށް މިގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިގޮތަށް ހިފެހެއްޓޭ ފައިސާ ހިފެހެއްޓުނުތާ 24 ގަޑިއިރު ތެރޭގައި، އެފައިސާއަކީ މަނީ ލޯންޑްރިންގެ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާއެއް ނޫންކަން ކަސްޓަމްސްއަށް ޔަގީންނުވާނަމަ ނުވަތަ ކަސްޓަމްސްއަށް ރިޕޯޓްކޮށްފައިވާ ރިޕޯޓްގައި ހިމަނާފައިވާ މައުލޫމާތު ރަނގަޅުކަމަށް ކަސްޓަމްސްއަށް ގަބޫލުނުކުރެވޭނަމަ، ނުވަތަ އެމައުލޫމާތު ރަނގަޅުކޮށްފައި ނުވާނަމަ އެކަން އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނާއި ހަވާލުކުރެވޭނެކަމަށްވެސް މިގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ