"ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ: މެޑަމް ސާޖިދާ

ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި ހިސާބު ހިމެނޭ "ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތްވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށް ކަން ފާހަގަކުރައްވާ، މުޖުތަމައުގައި ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް، ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ވިދާޅުވެފައެވެ.
އެގޮތުން މެޑަމް ސާޖިދާ ވިދާޅުވީ، އަންހެނުންނާއި ފިރިހެނުންނަށްވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި، މަސައްކަތުގައި ބައިވެރިވުމާއި، ކާމިޔާބީއަށް ހާސިލްވާން ހުރަސްތަކެއް ހުރި ކަމަށާއި، އުފެއްދުންތެރިކަމާއި، ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި "ސްޓެމް ކޮމިއުނިޓީ"އެއް އުފެއްދުމުގެ މުހިންމުކަމަށެވެ.
މީގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑިގްރީ ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫންކަމަށް ވިދާޅުވެ، މެޑަމް ސާޖިދާ ވަނީ ހަޔާތުގެ ދެން އޮތް މައިދާނަށް ނުކުންނަވާއިރު އެންމެންގެ ތަފާތުވުންތައް ގަބޫލު ކުރެއްވުމަށާއި، އެކަކުވެސް ބާކީ ނުކުރައްވައި ވަޒީފާ އަދާކުރެއްވުމަށް ބާރުއަޅުއްވާފައެވެ.
އެކަމަނާގެ ވާހަކަފުޅުގައި ހުރިހާ ދަސްވެނިންނަށް ތަހުނިޔާއާއި މުބާރިކްބާދީ ވިދާޅުވެފައިވާއިރު، ހިތްވަރާއި އޯގާތެރިކަމާއެކު މަސައްކަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ވައުދުވެ އެކަމަށް ޢަޒުމް ކަނޑައެޅުމަށް ވަނީ އެދިވަޑައިގެންފައެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ހިންގި އެކިއެކި ޑިގްރީ އަދި މާސްޓަރސް ކޯސްތައް ނިންމި ދަރިވަރުންނަށް ސަނަދު ހަވާލުކުރައްވާފައެވެ. އަދި ޝަރަފުގެ އެވޯރޑް ލިބުނު ފަރާތްތަކުގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް 3.5 ނުވަތަ އެއަށްވުރެ މަތި ލިބުމާއެކު، އެކި ކޯސްތަކުން އެއްވަނަ ހޯދާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލްކުރެއްވި 2 ދަރިވަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އިނާމު ހަވާލު ކޮށްދެއްވާފައެވެ.
 ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގެ ޖަލްސާގައި ސަނަދު ޙާސިލް ކުރީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން 28 ދަރިވަރުން އަދި ސްކޫލް އޮފް ނަރސިންގ އިން 94 ދަރިވަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ