ޕެނަލްޓީގަ ވިގެންގެ މައްޗަށް ކުރި ހޯދާ އާސެނަލް އެފްއޭކަޕްގެ ފައިނަލަށް

ޕެނަލްޓީގަ 2-4 ގެ ނަތީޖާއަކުން ވިގެންގެ މައްޗަށް ކުރި ހޯދާ އާސެނަލް އެފްއޭކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާގަ އޮވެއެވެ.
މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ވިގެންއެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 64 ވަނަ މިނެޓްގައި މި ގޯލް ކާމިޔާބުކޮށްދިނީ ޔޯޑީ ގޮމޭޒްއެވެ.
މި ނަތީޖާގަ އޮވެ މެޗު ނިމެންދަނިކޮށް އާސެނަލްއަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރ ޕާ މާޓެސޭކާއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިންވެސް އާސެނަލްއަށް ވަނީ މެޗުން މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ނަތީޖާއަށް ބަދަލުނައުމާ ގުޅިގެން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފްގައިވެސް ނަތީޖާއަށް ބަދަލުނައުމާ ގުޅިގެން ދެން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީއިންނެވެ.
ޕެނަލްޓީގައި އާސެނަލް އިން ޖެހި 4 ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެ 4 ޕެނަލްޓީ އާސެނަލްއަށް ކާމިޔާބުކޮށްދިނީ އާޓެޓާ، ކާލްސްޓްރޯމް، ޖިރޫ އަދި ކަޒޯލާއެވެ. ވިގެންއިން ޖެހި 4 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ އާރސެނަލްގެ ކީޕަރު ފަބިއާންސްކީ ވަނީ ހުޝިޔާރުކަމާއެކީ ދިފާއުކޮށްފައެވެ. ވިގެންއަށް ކާމިޔާބުކުރެވުނު ދެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބޯސެޖޯ އާއި މެކްއާތާއެވެ.
އާރސެނަލް އަށް ތަށްޓެއް ނުލިބި 8 އަހަރުވެފައިވާއިރު އެފްއޭކަޕަކީ އެ ޓީމަށް މި ސީޒަނުގައި ދެން ކާމިޔާބުކުރެވެން އޮތް ހަމައެކަނި މުބާރާތެވެ. މި މުބާރާތުގެ ފެވަރިޓުންނަކީ އާސެނަލް ކަމަށްވާއިރު މި މުބާރާތް ކާމިޔާބުކޮށް ގިނަ އަހަރުތަކަކަށްފަހު ތަށްޓެއް ހޯދުމަށް އާސެނަލް އިން ކުރަމުންދާ މަސައްކަތް މިފަހަރު ކާމިޔާބުކުރާނެ ކަމަށް ގިނަބަޔަކު ދެކެއެވެ.
އާސެނަލް މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ މާދަމާ ޝެފީލްޑް ޔުނައިޓެޑާއި ހަލްސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ