ރަޖީވް ގާންދީ އަވަހާރަކޮށްލި މީހުން ދޫނުކުރަން އިންޑިޔާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި

އިންޑިޔާގެ ޓެމިލްނާޑޫ ސަރުކާރުން އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ރަޖީވްގާންދީ އަވަހާރަކޮށްލި 7 މީހުން ދޫކޮށްލުމަށް ނިންމި ނިންމުމަށް އަމަލަނުކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
އިންޑިޔާގެ ސުޕްރީމް ކޯޓުގެ އެންމެ އިސް ފަނޑިޔާރު ސަތަސިވަމް ވިދާޅުވީ ޓެމިލްނާޑޫ ސަރުކާރުން އެ ހަތްމީހުން ދޫކޮށްލި ނިންމުމާ މެދު ވަރަށް ބޮޑު ކަންބޮޑުވާކަމަށާއި އަދި އެ ނިންމުން ނިންމާފައިވާ ގޮތް ބަލާނެކަމަށެވެ.
ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ޖަޔަލަލިތާ ވަނީ މިދިޔަ ބުދަދުވަހު ރަޖީވްގާންދީ އަވަހާރަކޮށްލާފައިވާ މީހުން ދޫކޮށްލަން ނިންމެވިކަން އިއުލާންކުރައްވާފައެވެ.އޭނާ އެހެން ވިދާޅުވީ އެގައުމުގެ ސުޕްރީމް ކޯޓުން ރަޖީވް ގާންދީ އަވަހާރަކޮށްލި ހަތްމީހުންގެ ތެރޭގައި މަރަން ހުކުމް އިއްވާފައިވާ ތިންމީހަކު ނުމަރަން އެގައުމުގެ ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށެވެ.
ރަޖީވް ގާންދީ އަވަހާރަކޮށްލި ހަމަލާއާ ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ ތިން މީހުންނަކީ މުރުގަންއާއި ސަންތަންއާއި ޕެރަރިވަލަންއެވެ.ޓެމިލް ޓައިގަރު ގްރޫޕަށް ނިސްބަތް މި ތިން މީހުންވެސް ވަނީ މި މައްސަލައާ ގުޅިގެން ޖަލުގައި 20 އަހަރު ހޭދަކޮށްފައެވެ. މި މީހުން މެރުމަށް އިންޑިޔާގެ ކޯޓަކުން ހުކުމް އިއްވީ 1999 ވަނަ އަހަރުގެ މެއި މަހުގައެވެ.
ރަޖީވް ގާންދީގެ ދަރިފުޅު އަދި އިންޑިޔާގެ ކޮންގްރެސް ޕާޓީގެ ނައިބްރައީސް ރާހުލް ގާންދީ ވަނީ އޭނާގެ ބައްޕަ އަވަހަރާކޮށްލި މީހުން ދޫކޮށްލަން ޓެމިލްނާޑޫ ސަރުކާރުން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
"އަހަރެން ވަރަށް ދެރަވެއްޖެ ޓެމިލް ނާޑޫ ސަރުކާރުން އެމީހުން ދޫކޮށްލަން ނިންމުމުން.އަހަރެން ދެރަވަނީ އެއީ އަހަރެންގެ ބައްޕައަށް ވީމައެއް ނޫން.އެއީ މިގައުމުގެ ބޮޑުވަޒީރުކަން ކޮށްފަ ހުރި މީހެއް.އެފެންވަރުގެ މީހަކަށް އިންސާފް ނުލިބޭނަމަ އާއްމު މީހަކަށް ދެން ލިބޭނެ އިންސާފެއް ނޯންނާނެ" ރާހުލް ވިދާޅުވިއެވެ.
ރަޖީވްގާންދީ އަވަހާރަކޮށްލާފައިވަނީ 1991 ވަނަ އހަރުގެ މެއި މަހު އިންޑިޔާގެ ސްރީޕެރަމްބުދޫރް ސްޓޭޓްގައި ތަގުރީރެއް ކުރައްވަން އިންވަނިކޮށް އަންހެނަކު ދިން ޖާނުންފިދާ ވުމުގެ ހަމަލާއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ