ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި ބޮން ގޮއްވާލި މައްސަލައިގައި މިމަހުގެ ތެރޭގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯ ޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެމައްސަލައިގެ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އަޅުގަނޑުމެންގެ އަތުގައި އެކަށީގެންވާ ވަރަށް ހެއްކެއް ނެތޭ އިނގޭތޯ. އެއްގޮތަކަށް ވެސް ތެދު ވާހަކައެއް ނޫން އެއީކީ" މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ފުލުހުން އެންމެ އިސްކަމެއްދީގެން މިހާރު ތަހުގީގު ކުރަނީ ލޯންޗުޅޮޅުގެ މައްސަލަ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަނީ ތަހުގީގު ކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ދަންނަ މީހުން ކަމަށެވެ.
އުމަރު ނަސީރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ހަމަލާދިނުމަކީ ވަރަށް ބޮޑު ކުށެއް ކަމަށާއި އެމަނިކުފާނުގެ ނައިބު އެކަން ރާވައި ހިންގުމަކީ އެއަށް ވުރެ ބޮޑު ކުށެއް ކަމަށެވެ. މިނިސްޓަރު އުމަރު ވިދާޅުވި ގޮތުގައި ދައުވާކުރަން ފުރަތަމަ ފޮނުވާނީ ފަސޭހައިން ދައުވާކުރެވެން ހުރި މައްސަލަތަކެވެ.
ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން އެއާޕޯޓުން ލޯންޗްކޮޅުގައި މާލެ ވަޑައިގެން، ލޯންޗްކޮޅު ފާލަމާ ގާތްކުރަނިކޮށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހިނގި ހާދިސާއިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ޒަހަމްވެވަޑައިގެންނެވިއެވެ.
ލޯންޗްކޮޅުގެ ހާދިސާގެ ތަހުގީގު ކުރަމުންދާއިރު ސިފައިންގޭގެ ބައެއް މަގާމުތަކަށް ބަދަލުގެނެސް ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީއަށް ވަކި ޑިޕާޓްމަންޓެއް ވަނީ އުފައްދާފައެވެ.
ލޯންޗްކޮޅުގެ މައްސަލައިގައި މިމަހު ދައުވާކުރަން ފޮނުވޭނެ ކަމަށް އުންމިދުކުރެވޭ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ