2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު ގަދަކަމުން ހައްޔަރުކޮށް އެކަހެރި ކުރި މައްސަލައިގައި ދައުލަތުން ކުޅަ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަގުތުން ދޫކޮށްލުމަށް އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ގޮވާލި ގޮވުމަށް ސްޕްރީމް ކޯޓުން އަމަލުކުރުމަށް ގޮވާލާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމަށް ސަރުކާރުން ތަބާވުމަށް ފަސްޖެހި ވަޑައިނުގަތުމަށް ރައީސް ޔާމީން އަށް ގޮވާލާފައްވާ ކަމަށާއި ބައިނަލްއަޤްވާމީ މިފަދަ ގޮވާލުންތަކަށް އަމަލުނުކުރާނަމަ ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިވާނެ ކަމަށެވެ.
ގާނޫނޫ ވެރިކަން ދަމަހައްޓާނެ ކަމަށް ބުނެ ސްޕްރީމް ކޯޓުން ނެރެފައިވާ ބަޔާނަށް އިޝާރަތް ކުރައްވާ އިބޫ ވިދާޅުވީ ބައިނަލްއަޤްވާމީ މި ގޮވާލުމަށް ރާއްޖޭގެ ސްޕްރީމް ކޯޓުން އަމަލުކުރުމަށް ގޮވާލާ ކަމަށެވެ.
ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު މިއަދު ނަޝީދުގެ ބައިނަލްއަޤުވާމީ ވަކީލުން އާންމުކުރި ވޯކިންގ ގްރޫޕްގެ ރިޕޯޓުގައި ނަޝީދު ދޫކޮށްލުމުގެ އިތުރުން، މަދަނީ އަދި ސިޔާސީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން އެމަނިކުފާނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިިދިނުމަށްވެސް ވަނީ ގޮވާލާފައެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ޔުނިވާސަލް ޑިކެލެރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫޑީއެޗްއާރް) އާއި އައިސީސީޕާއާރްގެ ގަވާއިދުތަކާއި އަޅާ ބަލާއިރު ރައީސް ނަޝީދު ހުންނެވީ ނުހައްގުން ބަންދު ކުރެވިފައި ކަމަށެވެ.
ސުޕްރީމް ކޯޓުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި އަމަންއަމާންކަން ޤާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
އަދި ފުރިހަމަ ސިޔާދަތާ މިނިވަންކަން ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ފަރުދުންނާއި ދައުލަތުގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ދިވެހި ގައުމުގައި އަމަންއަމާންކަމާއި ސުލްހަވެރިކަމާއި ހަަމަހިމޭންކަން ގާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެެ ދަށުން ދިވެހިރާއްޖޭގައި ގާނޫނޫގެ ވެރިކަން ނަގަހައްޓާނެ ކަމުގައި ޔަގީންކަން ދޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.
އދގެ ނިންމުމަށް ސްޕްރީމް ކޯޓުން އަމަލުކުރުމަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ