ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިހާތަނަށް ބާއްވާފައިވާ ހުރިހާ ޖަލްސާތަކުގެ ޔައުމިއްޔާ އާއި ޕީޖީ ގްރޫޕްގެ މެންބަރުން ވޯޓް ދެއްވި ގޮތުގެ ތަފްސީލް ލިޔުމުން ހޯއްދެވުމުގެ މަސައްކަތް ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މިއަދު ފައްޓަވައިފިއެވެ.
މިމައުލޫމާތު ހޯއްދެވުމަށްޓަކައި ރައީސް މައުމޫން މިއަދު ވަނީ އެމައުލޫމާތު ދިހަ ދުވަސްތެރޭ ޕީޕީއެމްގެ އޮފީހަށް ފޮނުވުމަށް އެދިވަޑައިގެން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ސިޓީއެއް ފޮނުއްވާފައެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި އުފެދިގެން އުޅޭ ކޯޅުންތަކުގެ ތެރެއިން ރައީސް މައުމޫނާއި ޕީޕީއެމް ޕީޖީ ގްރޫޕާއި ދެމެދު ވަނީ މީގެ ކުރިން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައެވެ.
ރައީސް މައުމޫން ވަނީ ޕީޕީއެމް ޕީޖީ ގްރޫޕުން އެމަނިކުފާނު އަންގަވާ ގޮތައް ކަންތައްތައް ކުރައްވަމުން ނުގެންދަވާ ކަމަށާއި ނިހާން ވަނީ ޕީޕީއެމް ޕީޖީ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން ޕީޕީއެމްގެ އަސާސީ ޤަވައިދާއި ހިލާފުވެފައި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ނިހާން ވަނީ ރައީސް މައުމޫނުގެ ވާހަކަތައް ދޮގު ކުރައްވާފައެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިހާރު ވަނީ ރައީސް މައުމޫނަށް ޕާޓީގެ ރައީސްކަން ގެއްލޭ އިސްލާހެއް ޕާޓީތަކުގެ ޤާނޫނަށް ގެނައުމަށް މަޝްވަރާ ކުރައްވާފައި ކަމަށް ވަނީ އަޑުފެތުރިފައެވެ.
ޕީޕީއެމް ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ހޯއްދެވުމުގެ މަސައްކަތް މައުމޫން ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ