ޝަރީއަތް ނިމެންދެން ޝަހީބު ބަންދު ކުރަން ކުރި އަމުރު ސުޕްރީމް ކޯޓުން ދަމަހައްޓައިފި
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެއްހެޓުމަށް އަމުރުކޮށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ. ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި ޝަހީބު ހައްޔަރު ކުރީ ހުޅުމާލޭ ފަޅު ތެރޭގައި އޮތް މަސްދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ 14 ދުވަހަށް އޭނާ ބަންދު ކުރި އެވެ. އެކަމަކު ބަންދު އިތުރުކުރަން ދިޔުމުން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ފަހުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި އެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ. ދައުލަތުން އޭނާ ބަންދު ކުރަން އެދުނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީއާއި އޭނާ ދޫކޮށްލައިފި ނަމަ ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބުނެ އެވެ. ހައިކޯޓުގެ ނިންމުން ޝަހީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ މައްސަލައިގައި ވަނީ ހުކުމް ކޮށްފަ އެވެ. ހައިކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވެން ނެތަތީ އެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެ މައްސަލައިގައި ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔަށް ފަނޑިޔާރު އާއިޝާ ޝުޖޫން އާއި މަހާޒު އަލީ ޒާހިރު ތާއީދުކުރެއްވި އެވެ. ޝަހީބު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ އިރު އަދި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ނުުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ