އެމްޑީޕީގެ ބައެއް އިސްވެރިން ތިބީ ނަޝީދުގެ މަގާމަށް ފައިނަގައިގެން: އުމަރު
އެމްޑީޕީގެ ބައެއް އިސްބޭފުޅުން ތިއްބެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަގާމަށް ފައިނަގައިގެން ކަމަށާއި އެ ޕާޓީގެ އިސްވެރިން ނަޝީދު ޖަލުން މިނިވަން ކުރަން ބޭނުން ނުވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ޗެނަލް ތޭރައިގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ ރައީސް ނަޝީދަކީ ޑިމޮކްރެޓިކް ބޭފުޅެއް ނޫން ކަމަށެވެ. ރައީސް ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ނާދެވިއްޖެ ހާލަތެއްގައި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އެ މަގާމަށް ގެންނާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑަށް ހީވަނީ އެމްޑީޕީއިން ކުރަނީ ދެބޯގެރި ދުއްވުމުގެ މަސައްކަތެއްހެން. އެއީ ހަގީގަތުގައި އެމްޑީޕީގެ ލީޑަޝިޕުގައި ތިއްބެވި ބައެއް ބޭފުޅުން ބޭނުންފުޅެއް ނުވޭ ނަޝީދު ޖަލުން ދޫވާކަށް. އެއީ އެބޭފުޅުން އެތިއްބެވީ ނަޝީދުގެ މަގާމަށް ފައިނަގައިގެން،" އުމަރު ވިދާޅުވި އެވެ. އެމްޑީޕީގެ ބައެއް އިސްވެރިން: އެމްޑީޕީގެ އިސްވެރިން ތިއްބެވީ ނަޝީދުގެ މަގާމަށް ފައިހިއްޕާފައިކަމަށް އުމަރު ވިދާޅުވި -- ސަން ފޮޓޯ: ފަޔާޒު މޫސާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ތަސްމީނު އަލީ އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދުވެސް އެމްޑީޕީގައި ތިއްބެވީ "އެބޭފުޅުންގެ އަތްމައްޗަށް އެމްޑީޕީ ފުރޮޅޭނެ ކަމުގެ އުންމީދުގައި" ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. އެ ދެބޭފުޅުން ތިއްބެވީ ގަސްދޮށަށް ވަދެ އާފަލު އަތަށް ވެއްޓޭތޯ އަތްދިއްކޮށް ކަމަށް ވިދާޅުވެ އުމަރު ވަނީ މިސާލު ޖައްސަވާފަ އެވެ. ދެންއަންނަ ރިޔާސީ އިންތިޚާބެއްގައި ނަޝީދުގެ ނަން ވޯޓުކަރުދާހުގައި ނޯންނާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު އުމަރު ވަނީ ދެއްވާފަ އެވެ. އަދި ނަޝީދުގެ ބަދަލުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ ނަޝީދު އަނބިކަނބަލުން ލައިލާ ކަމަށާއި އެހެންވިޔަސް ކާމިޔާބު ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. "އެމްޑީޕީއަކަށް ޕީޕީއެމް ސަރުކާރު ވައްޓާލެވޭވަރުގެ ކެންޑިޑޭޓެއް ނުނެރެވޭނެ. އެއީ ހަމަ ވަރަށް ސާފުކޮށް އަޅުގަނޑުމެނަށް ފެންނަ ކަމެއް. އެވަރުގެ ޖޯޝު ހުރި ކެންޑިޑޭޓަކުވެސް ނެތް. ކާކުތޯ ހުރީ ރީތިކޮށް ސާފުކޮށް ހުރި މީހަކު ނުކުންނާން ޕީޕީއެމް ސަރުކާރަކާ ވާދަކުރަން،" އުމަރު ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަރެކްޝަނަލް ސާވިސްގެ ލޯންޗުގައި ---- ސަން ފައިލް ފޮޓޯ ރައީސް ނަޝީދު ޖަލުން މިނިވަން ނުކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ހޯމް މިނިސްޓަރު ވަނީ މިރޭ ވެސް ތަކުރާރު ކުރައްވައިފަ އެވެ. އުމަރު ވިދާޅުވީ ރައީސް ނަޝީދު ދޫކޮށްލެވޭނީ އެންމެގޮތެއްގެ މަތިން ކަމަށާއި އެއީ ފަނޑިޔާރަކު ސިފައިން ލައްވާ ވަގަށް ނަގައިގެން މިލިޓަރީ ޓްރެއިނިން ކޭމްޕެއްގައި 22 ދުވަހު ބެހެއްޓުމަކީ ހުއްދަކަމެއް ކަމަށް ޝަރުއީ ކޯޓަކުން ނިންމުން ކަމަށެވެ. ރާއްޖޭގެ ގާނޫނު ކޮންމެ މީހެއްގެ މައްޗަށްވެސް ހިނގާނެ ކަމަށާއި އެއީ "ނަޝީދު ވެގެން އުމަރު ނަސީރުވެގެން ހިނގާ ގާނޫނެއް ނޫން" ކަމަށެެވެ. "އެމްޑީޕީގެ މެމްބަރުން މިހާރު އެމްޑީޕީ ދޫކޮށްލާފައި ފަހަތަށް ޖެހި އެތިބީ އެމީހުންނަށްވެސް ގަބޫލުކުރެވޭ ދިވެހިރާއްޖޭގައި ގާނޫނީ ސަރުކާރަކުން ގާނޫނު ތަންފީޒު ކުރާނެ ކަން. ކިތަންމެ ވަރަކަށް މަދު އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ ހަޅޭލެވިޔަސް އެކަމާ ފަހަތަކަށް ނުޖެހޭނެ އަޅުގަނޑުމެނެއް،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ