މެމްބަރު ހަސަން ލަތީފް ގާސިމަށް ތާއީދު ކުރައްވަން ނިންމަވައިފި

އައްޑޫ ސިޓީ ހިތަދޫން: މުރުޝިދު އަބްދުލް ހަކީމް
ހިތަދޫ ދެކުނު ދާއިރާގެ ޑީއާރުޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު ހަސަން ލަތީފް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއިދު ކުރެއްވުމަށް ނިންމަވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރުމަށް ނިންމާފައިވާ މެންބަރު ގާސިމަށް ތާއިދު ކުރައްވާކަން އިއުލާން ކުރެއްވީ މިރޭ " ހިތަދޫ ޖުމްހޫރީ މާލަމުގައި " ބާއްވަމުންދާ ޖަލްސާގަ އެވެ.
މިރޭގެ ޖަލްސާގައި އޭނާ ވިދާޅުވީ އޭނާ ވަކި ޕާޓިއެއްގައި ހުންނެވި ނަމަވެސް ގާސިމަށް ތާއީދު ކުރެއްވުމަށް ނިންމީ އައްޑޫ ސިޓީއަށް ތަރައްގީ ގެނެވޭނެ ކެންޑިޑޭޓަކީ ގާސިމް ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
އަދި ވަކި ބައެއްގެ ފަހަތުން ދާން ނުޖެހޭ ކަމަށާއި ބަލަން ޖެހެނީ ގައުމަށް ތަރައްގީ ގެނެވޭނެ ސިޔާސަތެއް ގެންގުޅޭ ކެންޑިޑޭޓެއް ކަމަށާއި ގާސިމަށް ތާއިދު ކުރެއްވީ ގާސިމްގެ މެނިފެސްޓޯއަށް ބެއްލެވުމަށްފަހުގައި ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ އާއިލާ މީހުން ކައިރި އެދެން، އާދޭސްކޮށް ދަންނަވަން ގާސިމް އިބްރާހިމަށް ވޯޓު ހޯދަދިނުމަށް. އަޅުގަނޑުގެ އާއިލާއާ ރައްޓެހިންގެ ވޯޓު ގާސިމް އިބްރާހިމަށް ހޯދަދޭނަން،" ހަސަން ލަތީފް ވިދާޅުވި އެވެ.
މި ޖަލްސާގައި ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ ހަސަން ލަތީފް ގާސިމަށް ތާއިދު ކުރައްވަން ނިންމެވުމަކީ ޖުމްހޫރީ ގުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ހަސަން ލަތީފް މަސައްކަތުން އައްޑޫ ސިޓީން ގާސިމަށް ލިބިވަޑައިގެންނެވި ވޯޓުގެ ދެ ގުނަ ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ޑީއާރްޕީގެ މަޖިލީހުގެ ނުވަ މެންބަރުންގެ ތެރެއިން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ތާއިދު ކުރަން ނިންމެވީ ހަ މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ