އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ ރައީސް ނަޝީދު: ހަސަން ލަތީފް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ އެންމެ އިސް ބޭފުޅަކީ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަމަށް ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވެފައިވަނީ، ރައީސް ނަޝީދުއަށް ގިނަ ތުހުމަތުތަކެއް ކޮށް، އެމަނިކުފާނާއި މެދު ފިޔަވަޅު އަޅައި ދިނުމަށް އެދި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ހަސަން ފޮނުއްވި ސިޓީއަށް ދެއްވި ޖަވާބުގައެވެ.
ހަސަން ލަތީފަށް ޝުއައިބު ސިޓީއެއް ފޮނުއްވާފައިވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އެކެހެރިވެވަޑައިގަތުމަށް ދަންނަވައި ދެއްވުމަށް އެދި ރައީސް ނަޝީދު، ހަސަންއަށް ފޮނުއްވި ސިޓީއާ ގުޅިގެންނެވެ. އަދި އެ ސިޓީގެ ޕާޓީގެ އާންމު މެންބަރުންނާއި ހަމައަށް ގެންގޮސް ދިނުމަށް ވެސް ރައީސް ނަޝީދު އެދިފައިވެއެވެ. ރައީސް ނަޝީދުގެ އެދުމާއި އެއްގޮތަށް އެމްޑީޕީން ވަނީ އެ ސިޓީ ޓްވީޓް ކޮށްފައެވެ.
ޝުއައިބުގެ ސިޓީގައި ވަނީ ޕާޓީގެ އުސޫލުތަކާއި ޚިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުންކުރެއްވުމަށް ރައީސް ނަޝީދަށް ހަސަން ބާރުއެޅުއްވި ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި ވެރިކަމުގެ ނިޒާމަށް ބަދަލުގެނެސް ބޮޑުވަޒީރު ކަމުގެ މަގާމު ހޯއްދަވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށާއި އަމިއްލަ މަސްލަހަތު އިސްކުރައްވާ ކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީގެ ރައީސް ހައިސިއްޔަތު ބޭނުންކުރައްވައިގެން ރައީސް ނަޝީދު ސިޔާސީ ނުހަމަ ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކޮށް، އެކަން ހުއްޓުވައިދިނުމަށް މަސައްކަތް ކުރުމަށް ޝުއައިބުގެ ސިޓީގައި ހަސަންގެ ކިބައިން އެދިފައިވެއެވެ.
އެ ސިޓީއާ ގުޅިގެން ޝުއައިބަށް ހަސަން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމުގައެވެ.
ހަސަން ވިދާޅުވެފައިވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދު ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާކުރެއްވުމާއި އެވިސްނުންފުޅާއި އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ.
މީގެ އިތުރުން، ފައްޔާޒުގެ މައްސަލައިގައި ރައީސް ނަޝީދު ޕާޓީގެ އުސޫލުތަކާއި ޚިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުން ނުކުރައްވާ ކަމަށާއި ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށް ދެންނެވުމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމަށް ނުދެކޭ ކަމަށްވެސް ހަސަން ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ ރައީސް ނަޝީދު ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ނަމަވެސް، ޕާޓީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައިވާ ގޮތުން މިހާރު އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި ވަނީ "ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފާރަތަކީ އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސްއެވެ." ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ